Saturday, February 11, 2017

ނައިފަރު

ޢަލީ ޙުސައިން / ނަރުގިސްވާދީ

މިއީ ޅ.ނައިފަރުގެ މުއައްރިޚެއް ކަމަށްވާ އަލްމަރްޙޫމް ޢަލީ ޙުސައިން ނައިފަރީ، ނައިފަރުގެ ތާރީޚާއި ބެހޭގޮތުން 1979 ގައި ލިޔެފައިވާ މަޒްމޫނެކެވެ. މި މަޒަމޫނު އަޅުގަނޑު ޓައިޕްކުރީ ފަތްތޫރަ 69/70/71 މި ތިން ޢަދަދުން ބަލައިގެންނެވެ.
ނައިފަރު 1969


     މީހުން ނޫޅޭ ގިނަ ފަޅު ރަށްރަށް އޮންނަގޮތް މިހާރުވެސް އަޅުގަނޑުމެން ދެކެމުއެވެ. ލަފައި ފުރަން ރީތި ނެރުތަކުގެ ބަދަލުގައި އޮންނަނީ، ގާތަކުގެ ތެރެއިން ހަދާފައި އޮންނަ ހަނިހަނި ރޮނގެކެވެ. ފުން ވިލެއް އޮންނަ ރަށެއް ނޫނެވެ. ފަޅު އޮންނަނީ، ހިކި ދިޔާގައި ބީހޭ ތިލަ ފަޅެކެވެ. ޤުދްރަތީ ގޮތުން އޮންނަ ގާތަށް ނޫނީ، ލެވިފައި އޮންނަ ތޮށްޓެއް ނޯވެއެވެ. މުޅި ރަށުގައި އޮންނަނީ ވަލެވެ. ކަށިއަޅާ ބޯކޭލާއި، ކުޅަނދުރާއި، ކަޅުހިނި ހަފާ މަގޫ ގަސްތަކުގެ ޖަންގައްޔެކެވެ.
       ހަމަ މިގޮތަށް ނައިފަރަކީ ވެސް ކުރީ ޒަމާނުގައި، އެހެނިހެން ރަށްރަށް ކަހަލަ ތޮށްޓެއް ފަޅެއް، ގެޔެއް މަގެއް ނެތް ފަޅު ރަށެކެވެ. މިހާރު މިއޮތް ކަހަލަ ހިތްފަސޭހަ، ނާމާން ކަމެއްނެތް ޓައުނަކަށް މި ފަޅުރަށް ޢިމާރާތްވެފައި ވަނީ، ދިވެހި ތާރީޚުގެ މެދު ޒަމާނުގެ ދުވަސްވަރަކުން ފެށިގެންނެވެ.
       ނައިފަރުގެ ތާރީޚަށް އަޅުގަނޑު މި ބަލައިލަނީ، ލޮލުން ދެކިފައިވާ ޙަޤީޤަތްތަކެއްގެ މައްޗަށާއި، އެ ޙަޤީޤަތްތަކުގެ އަލީގެ ތެރެއިން ފެންނަ މާޒީއަށެވެ. މީގެ ތެރޭގައި، ލިޔެވިފައި ހުރި ބައެއް ލިޔުމާއި، މުސްކުޅިން ބުނާތީ އަޑު އަހާފައި ހުރި ބައެއް ކަންތައް ހިމެނިގެން ވެއެވެ.

ނައިފަރުގައި މީހުން އުޅުން

ނައިފަރުގައި މީހުން އުޅެން ފެއްޓި ތާރީޚެއް އެގޭކަށް ނެތެވެ. ނަމަވެސް ނައިފަރަކީ، މެދުޒަމާނުގެ ކޮންމެސް ދުވަސްވަރެއްގައި މީހުން އުޅެން ފެއްޓި ރަށެއް ކަމަށް ވިސްނޭ ހެކިތަކެއް ފެނެއެވެ. އެއްކަމަކީ، އެހެނިހެން ބައެއް ރަށްރަށުގައި ހުންނަ ކަހަލަ، އެންމެ ކުރީ ޒަމާނުގައި މީހުން އުޅުނު ކަމުގެ ޢަލާމާތުގެ ތެރެއިން ވާ، ގާފުނިފުންޏާއި، ތަރަހަ ތަރަހަގަނޑު ކަހަލަ، އަދި ޤަބުރުސްތާނު ކަހަލަ ތަންތަން ނުހުންނަ ކަމެވެ. އަދި ރަށަކީ ކުރީ ދުވަސްވަރެއްގައި މާ ބޮޑު ރަށެއް ކަން އެނގޭނޭ އަސަރެއް ވެސް ނެތުމެވެ. ހުރުވަޅިޔާ، ދިއްފުށިމައިދޫގައި މީހުން އުޅުން ދުވަސްވަރު، ނައިފަރާއި މަޑިވަރަކީ ހުރުވަޅީ މީހަކަށް އޮތް ފަޅުރަށްރަށް ކަމާއި، އެރަށްރަށަށް ރާ އަރަން ކޮތާފަރުގެ ބަޔަކު ލާފައި ތިބިކަމާއި، ހުރުވަޅީގައި އުފެދުނު ފިތުނައެއްގައި، އެމީހުންގެ ޢާއިލާ ނައިފަރަށް ހިޖްރަކޮށް ވަޒަންވެރިވީ ކަމަށް ލިޔެފައިވާ ވާހަކައެއް ދުށީމެވެ. އެއީ ދޮގެކޭވެސް އަދި ތެދެކޭވެސް ކަނޑައަޅައި ބުނުމުގެ މަސްއޫލިއްޔަތެއް އުފުލާކަށް އަޅުގަނޑު ނެތީމެވެ. ކޮންމެޔަކަސް، ހުރުވަޅިއާއި އަދި ޖާވާކަރައިގެ ބައެއް ރަށްރަށުގައި މީހުން އުޅުން ކަމުގެ ލިސާންތައް، މާފިލާފުށްޓާއި ކަނިފުށިންވެސް މިފަދަ އަސަރު ފެންނާން ހުރި ފަދައިން، ފެންނާން އެބަހުއްޓެވެ. އެރަށްރަށުގައި މީހުން އުޅުނު ދުވަސްވަރު، ނައިފަރު ހިންނަވަރު ފަދަ ރަށްރަށް ފަޅުރަށްރަށުގެ ގޮތުގައި ހުރުމަކީ، ވަރަށް ގާތް ކަމެކެވެ. ހިޖްރައިން 1000ހ. ހައިތާ (ކަލާފާނުގެ ދުވަސްވަރު) ނައިފަރުގައި މީހުން އުޅޭނެ ކަމަށް ފެނެއެވެ. އެހެނީ 1116ހ. ގައި ޙުސައިން ވެލާނާ ތަކުރުފާނު (ޙުސައިން ޝާހު ބަންދަރު) ނައިފަރަށް އަރުވާލެއްވި ކަމަށް، ތާރިޚުގައި ލިޔެވިފައި ވެއެވެ.
       ނައިފަރަކީ ވަރަށް ފަހުން މީހުން އުޅެން ފެއްޓި ރަށެއް ކަމަށް 1345ހ. ހައިތާ ރަށުގެ ކަންތައްތައް ހުރި ގޮތުންވެސް ވިސްނައިގަނެވިދާނެއެވެ. އެއީ އަޅުގަނޑުގެ ހަނދާން ބިންވަޅު ނެގޭން ފެށި ދުވަސްވަރެވެ. ހަނދާނުގެ ކުރިމަށްޗަށް އެދުވަސްވަރުގެ ނައިފަރު ޙާޟިރުކޮށްލާ، މަގުތަކާއި ގެތައް ހުންނަގޮތް ޚިޔާލުކޮށްލާއިރު ޔަޤީނާ ގާތަށް ރަށުން ފެންނަނީ 250 ވަރަކަށް ގެއެވެ. އެގެތަށް އެޅިފައިވަނީ ރަށުގެ ދެކޮޅުން ވާ ވާގަނޑާއި، ގަސްރުއްތައް ދޫކޮށް، ރަށުގެ މެދަކާ ހަމައިންނެވެ. އަދި ރަށުގެ އިރުމަތީ ފަރާތުން ފެށިގެންނެވެ. އެހެންކަމުން ހުޅަނގު ފަރާތުން ގޮނޑުދޮށާއި ހަމަޔަށް ފޯރާފައެއް ނުވެއެވެ. އެފަރާތުގައިވެސް ވަނި ގަސްރުކާއި ޖަންގައްޔެވެ. އެހައިތަނަށް ޢިމާރާތްވެފައިވަނީ ރަށުގެ ¼ އެވެ. މި މަޒްމޫނު ލިޔާ ދުވަސްވަރު (1399ހ.) ނައިފަރުގައި ވަނީ 470 ގެއެވެ. ރަށް ވަނީ ގާތްގަނޑަކަށް ފުރިފައެވެ. މިގޮތުން ބަލާއިރު މިދިޔަ 60 ވަރަކަށް އަހަރު، ކުރީން ގެދޮރު ނޭޅިއޮތް ¾ ބައިގައި 220 ގެ އިތުރަށް އެޅިފައިވާއިރު، ރަށުގެ ¼ ބައިގައި ކުރިން ހުރި 250 ގެ އެޅިފައިވާނީ މާގިނަ އަހަރުތަކެއްގެ ކުރިޔަކުން ނޫނެވެ. ވީމާ ޝާހު ބަންދަރު އަރުވާލެއްވިއިރު މާގިނަ ގެއެއް ނުހުންނާނޭ ކަމަށް ފެނެއެވެ. އެކަން ވާނީ މީހުން އުޅެން ފެއްޓިތާ ވަރަށް ކައިރީ މުއްދަތެއް ކަމަށެވެ. އަދި ސިޔާސީ ކުއްވެރިން ގިނައިން އަރުވައިލައްވާފައި ހުންނަނީ، މީހުން މަދު ރަށްރަށަށެވެ.
އަނެއް ހެއްކަކީ، 1197ހ. ގައި ނައިފަރު ކުޑަ މިސްކިތަށް "ރާފުށްޓޭ ކިޔާ ރަށްގަނޑު" ވަޤުފު ކޮށްދެއްވި ކަމަށް އެނގޭ ފަތްކޮޅެއް އޮތުމެވެ. ތަނެއްގައި އެންމެ ފުރަތަމަ އުޅެޭ މަދު މީހުންކޮޅު ވެސް، ނަމާދުކޮށް އުޅޭ ތަނެއް ހުންނާނެކަން ޔަޤީނެވެ. އޭރު ހުންނާނީ ދަނޑިފަނުން އަޅާފައިވާ ނަމާދު ގެއެކެވެ. މީހުން ގިނަވެ، ހިރިގަލުން މިސްކިތް ޢިމާރާތްކޮށް، އެތަން ބެލެހެއްޓުމަށް ބޯގައެއް ލިބޭ ވަރަށް ދާނީ، ސަތޭކައެއް ދުއިސައްތައެެއް އަހަރު ކަމަށް ބަލައިފިއްޔާ، މީހުން އުޅެން ފަށައިފައި ވަނީ 1000ހ. ހައި ތާނގައެވެ. ފަތްކޮޅުގައި ކުޑަ މިސްކިތޭ އޮތުމުން، ދެވަނަ މިސްކިތެއް ވެސް ހުރި ކަމަށް ދަލީލު ކުރެއެވެ. އެއީ މީހުން ގިނަވީ ފަހުން އެޅި ހުކުރު މިސްކިތެވެ. މި ގޮތްގޮތުން ބަލާއިރު، ނައިފަރުގައި މީހުން އުޅޭތާ 400 އަހަރަށް ވުރެ މަދު ނުވާނޭ ކަމަށް ބުނެވިދާނެއެވެ. އަޅުގަނޑުމެން ކުޑައިވަރުއިރު ހުކުރު މިސްކިތުގެ ޤަބުރުސްތާނަށް ވަދެ މަހާނަގައު ކިޔާ ހަދަމުއެވެ. އެންމެ ދުވަސްވެފައިވާ ގަލުގެ ތެރެއިން ވަރަށް މަދު ގަލެއް ނޫނީ ލިޔެފައެއް ނުހުރެއެވެ. ބައެއް ގާ ދިވެސް އަކުރުން ލިޔެފަ ހުއްޓެވެ. ކިޔަން އެނގެނީ ޢަރަބި އަކުރުން ލިޔެފައި ހުންނަ ތަންކޮޅު ކޮޅާއި، ޖހާފައި ހުންނަ ތާރީޚެވެ. އެއްހާހަށް ނާރާ ތާރީޚެއް އޮތް ހަނދާނެއް ނުވެއެވެ. ބޮޑަށް ހަނދާން ވަނީ އެގާރަ ސަތޭކަ ހައިވަރު ކަމަށެވެ. މިގޮތުން ވިސްނާއިރު ވެސް ރަށެއްގައި މީހުން އުޅުނީ އެއްހާހާ ކައިރީގައި ކަމަށް ޔަޤީން ކުރެވެއެވެ.
ހުކުރު މިސްކިތުގެ ހުޅަނގުން،މިސްކިތާ އެންމެ ގާތަށް ވަރަށް ބޮޑު ދެގާ ޖަހަފައި ހުންނަ ބިސްތާނެއް ހުރެއެވެ. މުސްކުޅިން ބުނާ އަޑު އަހަނީ، އެއީ ދޮނަކުޅިއަށް ހަނގުރާމަ އަށް ދިޔަ ލަޝްކަރުގެ މީހެއް ކަމަށެވެ. އެ ހަނގުރާމަ ހިނގާފައި ވަނީ 1167ހ. ގައެވެ. އެގަލަކުން އެއްވެސް ލިޔުމެއް ތާރީޚެއް ނޭނގެއެވެ.

ރަށުގެ މިނި

ރަށުގެ އަޞްލު ދަރިކޮޅަކީ ކޮބައި ކަމެއް އެނގިފައެއް ނެތެވެ. ފަހުން މަޝްހޫރު ވެފައިވާ ދަރިކޮޅުތަކުގެ ތެރޭގައި، ކަޅުހަސަންބޭ ދަރިކޮޅު، ދޮންމަބޭ ދަރިކޮޅު، ރަސްމޫސަބޭ ދަރިކޮޅު، އަދި މި ނޫން ވެސް ދަރިކޮޅުތަށް ވެއެވެ. މި ދަރިކޮޅުތަކާ ހުރުވަޅީ ޢާއިލާއަކީ އެއް ސިލްސިލާއެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގިފައެއް ނުވެއެވެ. ފަހަކަށް އައިސް ވަރަށް ގިނަ އެހެން އަތޮޅުން ނައިފަރަށް އައިސް ވަޒަންވެރި ވެފައިވާ ޢާއިލާތައް ވެއެވެ. ވީމާ އޭގެ ކުރިން ވެސް އެކި ރަށްރަށު މީހުން ވަޒަންވެރި ވެފައި ތިބެދާނެކަން އެނގެއެވެ. ފަހަކަށް އައިސް ވަޒަންވެރި ވެފައިވާ މީހުންގެ ތެރޭގައި، ފައިނު، މާކުރަތު، އުނގުލު، އުނގޫފާރު، ކުރެދިވަރު، މިލަދޫ، މަނަދޫ، ކަނޑޫދޫ، ފޯކައިދޫ، ފަރެހު، ހުޅުދެލި، ކާށިދޫ، މިނޫންވެސް ރަށްރަށުގެ ޢާއިލާތައް ވެއެވެ. ރަށު މީހުންނަށްވުރެ ބޭރުގެ ދަރިކޮޅުތަކުގެ މީހުން ގިނަ ނުވާނޭ ކަމެއެވެސް ނޭގެއެވެ.
ބޭރުމީހުން މިހައި ގިނައިން ނައިފަރުގައި ވަޒަންވެރި ވުމުގެ ސަބަބަކަށް ވިސްނެނީ، ރަށުގެ ފަޅާ ބަނދަރު ފަސޭހަ ތަނަކަށްވުމާއި، ފުރައިދުއްވާ ތަކެތި ގެންގުޅެން ފަސޭހަވުމުން، މަސްވެރިކަން ރަނގަޅަށް ކުރެވޭ ތަނަކަށް ވުމެވެ. ފަލަމަޑިޔާއި އެއްގަމުގެ ކާތަކެތި ގިނައިން ހުންނަ ބޮޑަތި، މާރަށްރަށް ދޫކޮށް، ފަލަމަޑިއެއް ނެތް މިކުޑަކުޑަ ރަށްގަނޑަށް އަންނާނޭ އެހެން ސަބަބެއް ނުވިސްނެއެވެ. ފަހަކަށް އައިސް އެންމެ ގިނައިން ބޭރުމީހުން އައިސްފައިވާ ކަމަށް ފެންނަނީ، ވޯރާ ވިޔަފާރިވެރިން މާލެ އައިސް ކަނޑުމަހުގެ އަގު އަރައި، ބާޒާރަށް ހަނޑޫ، ހަކުރު ފޭރާން ފަދަ ތަކެތި ގެންނަން ފެށުމުން، މަސްވެރި ރަށްރަށް ތަނަވަސް މުއްސަނދި ރަށްރަށަށް ވީކަމެވެ. މާލެ ފިޔަވައި ބޭރު ރަށްރަށުގެމީހުން ވަޒަންވެރި ވެފައިވާ އެންމެ ގިނަ ރަށަކަށް މިރަށް ވާނެއެވެ.
ކުރީގައި މީހުން އުޅުނު، އަތޮޅު ތެރޭގެ ރަށަކުން އައިސް ތިބި ދަރިކޮޅެއް ވާކަމެއް އެނގިފައެއް ނެތެވެ. ފަހަކަށް އައިސް ހިންނަވަރާއި ކުރެންދޫއިން މީހުން އައިސްފައި ވެއެވެ. 11 ޖުމާދިލްއާޚިރާ 1353ހ. ގައި، ނައިފަރުގެ ބަޔަކު ގޮސް، މާފިލާފުށީގައި ވަޒަންވެރިވިއެވެ. ނަމަވެސް އެއް އަހަރު ވީތަނާ، އަނބުރާ އައީ އެވެ. 1350ހ. ހައިތާ ނައިފަރުގައި ތިބީ 1800 ހައި މީހުންނެވެ. މިހާރު (1399ހ. ގައި) 2810 މީހުން އެބަތިއްބެވެ.

މިސްކިތްތައް

ނައިފަރުގެ އެންމެ އިސް މިސްކިތަކީ ކުޑަމިސްކިތެވެ. (އުތުރު އަވަށުގައި ހުންނަ ކުޑަމިސްކިތެވެ.) މީސްކޮޅު މަދު ދުވަސްވަރެއްކަމުން އޭރު ކުޑަކޮށް އެޅިފައި ވަނީއެވެ. ފަހުން ހުރީ ފުރަތަމަ ޢިމާރާތް ކުރެވުނު މިސްކިތް ރޫޅައިލައި އަލުން އަޅައިފައެވެ. ކުރީ މިސްކިތުގެ ބޮޑު މިނެއް އެނގިފައެއް ނެތެވެ. މިދެންނެވި މިސްކިތުގެ ބޮޑު މިނަކީ 17x22 ފޫޓެވެ. މިމިސްކިތް ވެސް މިހާރު ކުޑަވެގެން ބޮޑު ކުރުމުގެ ޕްރޮގްރާމަ މިހާރު ވަނީ ހަމަޖެހިފައެވެ. މިމަޒުމޫނު ޗާޕް ކުރެވޭއިރު ހުންނަ މަސްޖިދުއް ޞިއްދީޤަކީ ފަހުން މިޕްރޮގްރާމުގެ ދަށުން އެޅިފައިވާ މިސްކިތެކެވެ.
ހުކުރު މިސްކިތް އެޅުނީ ހުކުރު ކުރާހައި މީހުން ހަމަވުމުން ކަމަށް ފެނެއެވެ. މި ދެމިސްކިތްމެ ކުރިން އަޅާފައިވަނީ ހިރިގަލުންނެވެ. މަތީގައި ފަންގެ ލައިފައެވެ. ކުރީގެ ހުކުރުމިސްކިތްވެސް މާބޮޑެއް ނޫނެވެ. އެމިސްކިތް އެހުރީ ތިންވަނަ ފަހަރަށް ބޮޑުކުރެވިފައެވެ.
ދެކުނުކޮޅު އާމިސްކިތް އެޅުނީ ރަށުގެ ޓައުނު ފުޅާވެ މާބޮޑަށް ދެކުނަށް ޖެހުމުން، އެސަރަހައްދުގައިވެސް މިސްކިތެއް ހުރުން ލާޒިމު ވީމައެވެ. ގާތްގަނޑަކަށް 1300ހ. ހައި ތާނގައެވެ. އެއީވެސް އުތުރުކޮޅު މިސްކިތް ކަހަލަ ކުޑަކުޑަ މިސްްކިތެކެވެ. ފަހުން އަވަށް ބޮޑުވެ މީހުން ގިނަވުމުން މިސްކިތް ހުރީ ކުރިން ހުރިވަރުގެ 3 ބައިވަރު ބޮޑު ކޮށްފައެވެ. މި މަޒުމޫނު ޗާޕު ކުރެވޭއިރު ހުންނާނެ މަސްޖިދުލް ހާދީއަކީ، 3 ވަނައަށް އެޅިފައިވާ މިސްކިތެވެ.
މަސްޖިދުލް ހާދީ 70 ގެ އަހަރުތަކުގައި

ނައިފަރު މިސްކިތްތަކުން ބޯގަ ލައްވައިފައި ވަނީ ކުޑަ މިސްކިތަށާއި، ހުކުރު މިސްކިތަށެވެ. ކުޑަ މިސްކިތަށް 3 ބޯގަ އޮތެވެ. ރ.ފަސްމަންދޫ އާއި، ރ.އިންނަމާދޫއިން ހިންނަޔަކައާއި، ރ.ރާފުށްޓެވެ. މިތަނުން ފަސްމަންދޫ އާއި އިންނަމާދޫ ހިންނަ 1308ހ. ގައިވެސް ލިބިފައި އޮންނަކަން ސާބިތުވެއެވެ. އެކަން އެނގެނީ ނައިފަރު އޮފީހުގައިވާ މިއަންނަ ދެނަކަލުންނެވެ.
"ނޫރުއްދީނު ރަދުންގެ(ރަނގަޅަކަށް ނޭނގޭ) ވަނަ އަހަރު ޙައްޖުމަހު 12 ވީ ބުރާސްފަތި ދުވަހު މަޑުއްވަރީ އަލިކަލޭގެފާނު ފަސްމަންދޫ ވަރުވާޔަށް ދެއްކި ބޮލި ކޮއްޓޭ "20" ލާރި "600" سنة 1308 "
"ހާހާ ތިންސަތޭކަ ބާރަވަނަ އަހަރު ޖުމާދިލްއައްވަލު މަސް އެއްކޮށް އިންނަމާދޫ އޮތް ނައިފަރު މިސްކިތުގެ ހިންނަ ހުޅުދެލީ ދޮން ހުސޭނު ލިޔުއްވި ކަމުގެ ހަނދާން. ވަރުވާޔަކަށް އަހަރަކު 200 ގަނޑު ފަންގެޔާއި ހަތަރުރުފިޔާއާ ދޭން ކަމަށް. މިކަމުގެ ހަނދާނަށް ލިޔުނު ސިޓީ سنة 1312."
އެއްވެސް ބޮގައެއް ލިބުނު އަސްލު ތާރީޚެއް އެނގޭކަށް ނެތެވެ. ހުކުރު މިސްކިތު ބޯގަ އަށް އޮތީ ނައިފަރު ގޮއިފާލައްބަ އެވެ. އިންނަމާދޫ ހިންނައިގެ އެއްވެސް ފަތެއް ނުފެނުނެވެ. އަނެއް 3 ބޯގައިގެ 2 ވަނަަ އަށް ލިޔުނު ފަތް ފެންނަން އެބަ އޮތެވެ. ފަތޭ މި ދެންނެވީ ބޯގަތައް ނައްތައިލި ދުވަސްވަރު އެފަތްތައް މާލެ ފޮނުއްވަން ޖެހިގެން ބޭއްވި ނަކަލެއްގެ ވާހަކައެވެ.
ކުޑަ މިސްކިތު ހަރިއްމަ ތެރޭގައި ރީތި ކުޑަކުޑަ ޒިޔާރަތެއް ހުރެއެވެ. ޒިޔާރަތުގެ ކައިރީގައި ދިގު ދިދަ ދަނޑިއެއް ވެސް ހުއްޓެވެ. ހުކުރު ދުވަސް ދުވަހާއި ޚާއްޞަ ދުވަސް ދުވަހަށް ދިދަ ނަގައެވެ. އެދަނޑި ވެއްޓުނު ފަހުން ދަނޑިއެއް ނުޖަހައެވެ. އެއީ ކޮން ބޭކަލެއްގެ ޒިޔާރަތެއްކަން އަޅުގަނޑައް އެނގިފައެއް ނެތެވެ. މަހާނައިގައި ހުރި ގަލުގައި ވެސް ލިޔުމެއް ނޯވެއެވެ.
މިކަހަލަ ނޭނގޭ ޒިޔާރަތްތަކަކީ، ރާއްެޖެތެރޭގައި ވަރަށް ގިނައިން ހުންނަ ތަންތަނެވެ. މިކަހަލަ ޒިޔާރަތެއް މަޤާމެއް ނުހުންނަ ރަށެއް މަދު ވާނެއެވެ. ކޮންމެވެސް ސިފައެއްގައި ޒިޔާރަތެއް ކަހަލަ ގޮތަކަށް ބަލަހައްޓާ މަހާނައެއް ނުހުންނަ ފަޅުރަށެއް ވެސް މަދުވާނެއެވެ. ހީވަނީ މަރުވެފައިވާ މީހުންގެ ރޫޙުން ބަރަކާރް ލިބި ނާމާންކަމާއި މުސީމބާތުން ސަލާމަތްވެ ތިބުމުގެ އީމަނުގައި މެދުވެރި ކުރާ ވާސިޠާ އެއްގެ ގޮތުން ކޮންމެ ރަށެއްގައި ވެސް ބަލަހައްޓާ ތަންތަން ހެންނެވެ. ބައެއް މަހާނައިގެ އަސްލެއް ކަމުގައި ކަނޑުން ލެއްގި މައްޔިތެއް ނުވަތަ މީހެއްގެ ގުނަވަނެއް ނުވަތަ އާދަޔާ ޚިލާފު ގޮތެއް ހުންނަ މީހަކަށް ވެސް ވެދެއެވެ. މިކަހަލަ މަހާނައިގައި ނަދުރު ބުނެގެން ކުކުޅު ފަތާއި ކުދި ދިދަ ޖަހައި އަދި ބޮނބި ކާށި ބަހައްޓައި ވެސް ހަދައެވެ.
ހުކުރު މިސްކިތާއި ކުޑަ މިސްކިތާއި ދެމެދުގައި، ހުކުރު މިސްކިތުގެ ހަރިއްމަ ކައިރީގައި ވަރަށް ބޮޑު ހިރިގަލުގެ ވެވެއް އޮތެވެ. އެވެވު ނެގުނީ މާލެއިން ވެސް އެފަދަ ވެވުތައް ނެގުނު ދުވަސްވަރު ގައެވެ.
ކުރީގައި ޢީދު ނަމާދު ކުރި ކަމަށް ވަނީ ކުޑަ މިސްކިތާ ދިމާ އައްސޭރީގައިވާ ގަސްތަކެއްގެ ހިޔަލުގައެވެ. ޢީދު ދުވަހުގެ ކުރީ ދުވަހު އެތަން ކުނިކަހައި މީހުންނަށް ތިބެވޭވަރުގެ އޭރިޔާއެއް ދޮންވެލިން ރޮނގު އަޅައިގެން ފާހަގަ ކޮށްލާނީ އެވެ. އަދި ޒީނަތްތެރި ކުރުމުގެ ގޮތުން ހަތަރު ކަނުގައި ދޮންވެލިން ކުރިބޯށި ކުރަހައި، އިމާމު މީހާ ހުންނަ މިޙްރާބު ވެސް ވަކި ގޮޅިޔަކަށް ވާގޮތަށް ކުރަހާނީއެވެ. ޚުޠުބާ ކިޔަން އަރާ މިންބަރު ކަމަށް ބުނާ ދެތިން ގަލެއް އަޅުގަނޑުމެން ވެސް އެތަނުން ދުށީމުއެވެ.

ރަށުގެ ފަޅާއި ތޮށި

ރަށުގެ އިރުމަތީ ފަރާތުގައިވާ ތޮށި ލެވުނީ ވަރަށް ފަހަކުންނެވެ. މީގެ ސަތޭކަ ވަރަކަށް އަހަރު ކުރިން ވެސް ބަޔަކު ކޮށްފައިވާ މަސައްކަތެއްކަން އެނގެއެވެ. ބަރިއަކަށް ބެހެއްޓިފައި ހުންނަ ބޮޑެތި ގާތަކެއް ހުންނަ ކަމަށް ވެއެވެ. ހުންނަނީ ބޮޑު ނެރު ދޫކޮށް ދެފަރާތުގައި ދެ ތޮށިގަނޑަށެވެ. ދޮން ހަސަން ހާޖީ ޚަތީބުގެ ދުވަސްވަރު ހަނިހަނިކޮށް ދެ ތޮށިގަނޑެއް ލެވުނު ކަމަށް ވެއެވެ. އެއިި މީގެ ސަތޭކަ ވަރަކަށް އަހަރު ކުރިން ކަމަށް ފެނެއެވެ. މިހާރު މިއޮންނަ ގޮތަށް ދިގުކޮށް ފުޅާކޮށް ތޮށި ލެވުނީ މީގެ ފަސްދޮޅަސް ވަރަކަށް އަހަރު ކުރިން އާދަމް ހާޖީ ކަލޭފާނުގެ އަތޮޅުވެރި ކަމުގައެވެ. އެކިފަހަރު މަތިން ދެކޮޅަށް ތޮށި ދިގުކޮށް ވަށްކުރަމުން ގެންގޮސް ދެކޮޅު ތުނޑިޔާ ދިމާއިން ރަށުގެ ފަސްގަނޑާ ގުޅައި ލެވުނެވެ. މިގޮތަށް ތޮށިލައި މުޅިން ނިމުނީ މީގެ ސާޅިީހަކަށް އަހަރު ކުރިން އަލްފާޟިލް ޢަބޮދުލް ޙަކީމް ކާންނާ ކަލޭގެފާނުގެ ކަތީބު ކަމުގެ ދުވަސްވަރުއެވެ. ދެކޮޅުން ރަށާ ގުޅައިލި ބައި އެގޮތަށް ބޭއްވުން ނުފެނިގެން ފަހުން ނަގައި ގަނެވުނީ އެވެ. ރަށުގެ ހުޅަނގު ދެކުނުން ވޭވަށާ ދިމާލަށް އެވާ ނެރު "ބަދިގެ ފެންނަ އޮޅު" ގެ ތޮށިގަނޑު ހެދި ދުވަސްވަރެއް ވެސް އެނގިފައެއް ނެތެވެ.
ރަށުގެ ޗާޓު ބަލާއިރު ވަށާބުރުގެ ބޭރަށް ނިކުމެފައިވާ ދިމަދިމާ ފެންނާނެއެވެ. އެއީ އެކި ދުވަސްވަރު ވާޓަރުލައި، ނެރިފައި ހުންނަ ދިމަދިމާލާއި އަމިއްލަ މީހުންގެ ގެދޮރު އަޅަން ހިއްކާ ދިމަދިމާލެވެ.
ނައިފަރުގެ އިރުމަތީ ފަރާތުގެ ފަޅަކީ ހުޅަނގު ފަރާތު ފަޅުހެން އެކަށް ހިކޭ ތިލަ ފަޅެކެވެ. މިހާރު އޮންނަހެން ފަޅު ފުންކުރީ ތޮށި ލުމަށްފަހު އެކިފަހަރު މަތިން ކޮންނަމުން ގޮހެވެ. އުދެއްޔާއި އިތާ ބޭނުން ކޮށްގެންނެވެ.

ރައްޔިތުންގެ މަސައްކަތް

       ރައްޔިތުން ލައްވައި ބަންޑާރަ މަސައްކަތްތައް އިހުގައި ކުރުވަމުން އައީ ރައްޔިތުން ބަންދު ކޮށްގެން ޢާއްމު އެންމެން ލައްވައެވެ. މަދު މީސްކޮޅެއް ލައިގެން ކުރުވާ މަސައްކަތް ކުރުވަނީ ކޮންމެ މަސްދޯންޏަކުން މީހެއް ބަހައްޓައި ގެންނެވެ. އެމީހަކު ބެހެއްޓި އޮޑިޔަކުން އެދުވަހު ބޭނި މަހަކުން އެމީހަކަށް ބައި ލިބޭނެއެވެ. ނުބާނާނަމަ ނުލިބޭނެއެވެ. މިގޮތުން ބައެއް މީހުންނަށް ލިބި ބައެއް މީހުންނަށް އެއްޗެއް ނުލިބިދާތީ ހުރިހައި ދޯންޏަކުންް މަސްބައި އަޅައި މަސައްކަތްކުރި އެންމެންނަށް ބަހައިލާގޮތަށްވެސް އޮވެއެވެ.
       އެކިއެކި ދަތުރު ކުރުވަނީ އޮޑިދޯނިފަހަރަށް ދަތުރު ޖައްސައިގެންނެވެ. އެދޯންޏަކުން ދަތުރު ދާނީ އެއެއްޗެއްގައި މަހަށްދާ މީހުންނެވެ. ފަހަކަށް އައިސް މީހުން ގިނަވެ، މީހުންގެ ފެންވަރު ތަފާތުވެ، މަހަށްގޮސް ތިބޭ މީހުން ގިނަވުމުން މަސައްކަތްތަކަށް ދަތިވާތީ އެންމެން ހަމަހަމަ ކުރުމަށްޓަކައި 1356ހ. ގައި ރައްޔިތުންގެ ފަނަރަ ފުރިފައިތިބި ހުރިހައި ފިރިހެނުން 36 ފަތަށް ބަހައިލެވުނެވެ. އޭގެ ފަހުން މަސައްކަތް ކުރުވަމުން އައީ އެފަތްފަތަށް އާދެ! ފަންވަތު ޖައްސައިގެންނެވެ. މިހެންވީމާ މަސައްކަތް ނުކުރާ މީހަކަށް ހުރެވޭކަށް ނޯވެއެވެ. ދަތުރު ޖައްސަނީ ދޯނިފަހަރަށާއި ފަތްފަތަށެވެ. އެފަހަރަކު ޖެހުނު ދޯންޏެއްގައި އެފަހަރަކު ޖެހުނު ފަތެއްގެ މީހުން ދަތުރު ކުރަނީއެވެ. ފަތްފަތަށް މީހުން ބަހައި މި އުސޫލު ހަމަޖެއްސެވީވެސް ޢަބްދުލްޙަކީމް ކާންނާ ކަލޭގެފާނުގެ ކަތީބު ކަމުގެ ދުވަސްވަރުއެވެ.

އޮޑިދޯނިފަހަރު

އިހުގައި ދަތުރުކޮށް އުޅުނީ، އަދި މަހަށް ގޮސް އުޅުނީވެސް، އޮޑިދޯނިފަހަރުގައި ހަތަރެސްކަން ރިޔަލުގައެވެ. ދޯނިފަހަރާއި ކަތިރިޔަލަށްވީ ވަރަށް ފަހަކުންނެވެ.
1335ހ. ގައި ނައިފަރުގައި ހުރީ 30 އޮޑިޔާ 10 ދޯންޏެވެ.
އެއީ. 1- ހަންޑި ކަލޭގެ އާއޮޑި 2- ދޮންހުސޭނުބޭ ކާށިދޫ އޮޑި 3- މާދޫ އޮޑި 4- އަލިބޭބެ އާއޮޑި 5- ހިންނަވަރު އޮޑި 6- ކާށިދޫ އޮޑި 7- ދަރަވަންދޫ ދޯނި 8- ވާތި އާއޮޑި 9- ދޮންމޫސާކަލޭގެ ހިންނަވަރު އޮޑި 10- މާވަޑި ޢީސާ އާއޮޑި 11- ހާޖީ ޢީސާ އޮޑި 12- ޚަތީބު ހާޖީ އޮޑި 13- ޚަތީބު ހާޖީ ދޯނި 14- މާމުދިން އޮޑި 15- ފަރިހުގޭ މަނަދޫ އޮޑި 16- ކަޅުފުތު ދޮންއަލީ އޮޑި 17- އައްޕުތު ޒަކަރިއްޔާ އޮޑި 18-ފުރުޅޭ އޮޑި 19- ބިއްގަނޑު 20- ވާތީ ފިނޭ އޮޑި 21- ޙަކީމް ޢަބްދުﷲ އާއޮޑި 22- ތުނޑުބުރި ކާފަ އޮޑި 23- މާވަޑިި ޢަބްދުﷲ އޮޑި 24- މޫސާފުޅު ކާށިދޫ ދޯނި 25- ގާދޯނި 26- އައްޑަބޭ ދޯނި 27- މޫސާފުޅު އާއޮޑި 28- ބާއޮޑި 29- މޫސާކަލޭގެ ބާއޮޑި 30- އިބްރާހީމްކަލޭގެ ދޯނި 31- ހެލޭސޮރު 32- ފޫގަނޑު 33- ދޮލަނގު އޮޑި 34- ކަލޯ ހަސަނު އޮޑި 35- ވާތި ކިއްސަރު އޮޑި 36- މާއޮޑި 37- ބައްދު 38- ފަލައޮޑި 39- ފިނޭ އޮޑި 40- (ނޭގޭ)
މި މައުލޫމާތު ހޯދީ ނައިފަރު އޮފީހުގައިވާ ދަތުރު ޖައްސާ ފޮތަކުންނެވެ. މިއަދު 1399ހ. ގައި ނައިފަރުގައި ހުރީ 30 މަސް ދޯންޏާއި އެހެނިހެން 50 ގަނޑެއްޗެވެ.

ރަށުގެ ވަށައި ފާރު

       ރައްޔިތުން ފަތް ފަތަށް ބެހުމާ ވިދިގެން ވަރަށް ގާތް ދުވަސްވަރެއްގައި، ރަށުގެ ދެކޮޅުގައި ވަށައިފާރު (ބޮޑުފާރު) ލެވުނެވެ. އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށް ފުރެމުން އަންނާތީވެ، ޤަޟާޙާޖާ ކުރުމުގައި ޚާއްޞަކޮށް އަންހެނުން ނިވައިވެގެން ތިބެވޭ ގޮތް ހެދުމެވެ. މި ފާރު ލެވުނީ ދެކުނުކޮޅު އާ މިސްކިތާ ދިމާ އިރުމަތީ ހޭޅިން ފެށިގެން ދެކުނުން ރަށް ވަށައިލައިގެން ގޮސް ހުޅަނގު ފަރާތުން މިހާރު "އަތިރީގެ" އެހުރި ދިމާއަށެވެ. އެއީ 1300 ފޫޓެވެ. އުތުރުކޮޅުން މި ފާރު ލެވުނީ މިހާރު "ވޮއްކޮޅުގެ" އެހުރި ހިސާބުގައިވާ ރުއްގަނޑަކުން ފެށިގެން "އައްޔޫގު" ކިޔާ ގޭގެ އުތުރުކޮޅާ ހިސާބަށެވެ.އެއީ 500 ވަރަކަށް ފޫޓެވެ.
       ވޭތުވެ ދިޔަ ސާޅީސް އަހަރު ތެރޭގައި ރަށް ގިރަމުނަ ދިޔުމުގެ ސަބަބުން ބައެއް ފަރާތުން މިފާރު ވެއްޓި، ބައެއް ފަރާތުން މީހުންނަށް ގޯތި ދިނުމަށްޓަކައި  އެކިދިމާއިން ތަޅައި، މިހާރު ވަނީ ފާރުގެ ވަރަށް މަދު ތަންކޮޅެކެވެ. ދުވަސް ކޮޅަކުން، އެތަންކޮޅުވެސް ނެތި، އަސަރާއި ލިސާންް ފުހެވ،ި ނުވެސް ވާކަމަކަށް ވެގެން ހިނގައިދާނެއެވެ. މިބޮޑު ފާރުގެ ދިގުމިން 1800 ފޫޓު ވަރު ވާނެއެވެ.

ރަށްޔިތުންގެ މާލިއްޔަތު

        ރައްޔިތުންގެ މާލިއްޔަތަކީ، ރަށުގެ ގޮއިފާލައްބަޔައް ލިބޭ އެއްޗަކާ، މިސްކިތު ބޯގަތަކުން ލިބޭ އެއްޗެކެވެ. ރަށުގެ ކަންތައްތައް ހިންގާ އޮފީހެއް އިހަކު ނުހުރެއެވެ. ހުންނަނީ ލިބޭ ތަކެތި ރައްކާކުރަން ގުދަނެއްގެ ގޮތުގަޔާވެސް އެކުގައި ހުންނަ ގެއެކެވެ. އެންމެ ފަހުން ހުރި ގެ ހުރީ މައުލޫދުހަރުގެ (މިހާރުގެ މަދްރަސަތުލް އިފްތިތާޙް)އާ މިސްކިތު ޙަރިއްމަޔާ ދެމެދުގައެވެ. އެގެ ތަޅައިލެވުނީ ރަށުގެ މަގުތައް ހެދި ދުވަސްވަރު 1371ހ. ގައެވެ. ރައްޔިތުންނަށް ލިބޭ ތަކެތި ބަހައްޓައި ބަލަހައްޓަނީ މިގޭގައެވެ. މިގޭގެ ނަމަކީ "ރަށުމީހުންގެ" އެވެ.
       ނައިފަރަށް އައިސް އުޅުނު މިލަދޫ މީހަކު 26 ޝައުބާން 1347 ގައި ރޭގަނޑު މިގެ ހުޅުވައިގެން ފައިސާ ރައްކާކުރާ ބޮޑު ފޮށްޓަށް އަބު ޖަހައި ފަޅައި ލައިގެން ވަރަށް ގިނަ ފައިސާ ވަގަށްނެގިއެވެ. އެ ޙާދިޘާއާ ގުޅިގެން މާލިއްޔަތު ހިސާބު ކުރިއިރު 4112 ¾ ރުފިޔާ އާއި 89611 ލާރި ހުއްޓެވެ. އޭގެ ފަހުން ކަނޑޫދޫގެ ޙާޖީ ކަލޭފާނުގެ އަތޮޅުވެރި ކަމުގައި 15 ޖުމާދަލްއޫލާ 1350ހ. ގައި ޚަޒާނާ ހިސާބު ކުރިއިރު ¼5115 ރުފިޔާ އާއި 116625 އިސްކަންދަރު ލާރި ހުއްޓެވެ.
1351ހ. ގައި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްވުމާއި ވިދިގެން ކުންފުނި ހެދުމުގެ މިނިވަންކަން ލިބުމުން، ނައިފަރުގެ އަމިއްލަ ދެފަރާތަކުން ދެކުންފުނި ހެދިއެވެ. ކޮންމެ ފަރާތަކުން ވެސް ކުންފުނި ހިންގުމަށް ވަރަށް ވަރުގަދަ ގެއެއް ޢިމާރާތް ކުރިއެވެ. ދެން ދެވަނަ ބޮޑު ހަނގުރާމައިގެ ތަދު ތެރޭގައި ކުންފުނިތައް އުވާލެއްވުމުން ރައްޔިތުންގެ ވިޔަފާރި ފެއްޓުމަށްޓަކައި އެ ދެޢިމާރާތް 800 ރުފިޔާ އަށް ރައްޔިތުންނަށް ގަތީއެވެ. އެ ދެޢިމާރާތަށް ކިޔުއްވި ނަމަކީ "އިރުމަތީގެ" އާއި "ދެކުނުގެ" އެވެ.
ހަނގުރާމައިގެ ކުރީކޮޅުގައި ރައްޔިތުން ބަނޑަށް ޖެހިގެން ވިޔަފާރިވެރިން އަތުގައި ވެސް އެއްޗެއް ނެތުމުން 2 ޖުމާދަލްއޫލާ 1361ހ. ގައި، ޚަޒާނާއިން 1500 ރުފިޔާގެ ހަނޑޫ ގެނެސް ރައްޔިތުންނަށް ބަހައި ދެވުނެވެ. އދި 10 ރަބީޢުލްއައްވަލް 1361ހ. ގައި 2000 ރުފިޔާއާއި، 12000 ލާރިއަށް ހަނޑޫ ގެނެސް ބަހައިދެވުނެވެ. އޭގެ ފަހުން 13 ޖުމާދަލްއޫލާ 1361ހ. ގައި 737 ރުފިޔާއާާއި 72000 ލާރީގެ ހަނޑޫ ބަހައި ދެވުނެވެ. މިހިސާބަށް ގާތްގަނޑަކަށް ރައްޔިތުންގެ މާލިއްޔަތު ހުސްވީއެވެ. ދެން ދައުލަތުން ދަރަންޏަށް ކާތަކެތި ގެންނަން ފެއްޓުނީއެވެ.
މިދަރަނި  އަދާކުރުމާއި ރަށްޔިތުންގެ މާލިޔަތު އިތުރު ކުރުމަށްޓަކައި، ޢަބްދުލް ޙަކީމް ކާންނާކަލޭފާނުގެ އަތޮޅުވެރި ކަމުގައި ވަރަށް މަސައްކަތުން، އަދި ރައްޔިތުން ނޫން ފަރާތަކަށް މަހު ވިޔަފާރި ކުރުން މަނާ ދުވަސްވަރެއް އައުމާއެކު، ރައްޔިތުންގެ މާލިއްޔަތު ވަރަށް މަތީ ދަރަޖައަކަށް ކުރިއަރައިގެން ދިޔައެވެ. އެންމެފަހުން 1376ހ. ގައި، ވިޔަފާރި މުދަލާއި އެހެން ތަކެތި ނުލައި ހަމަ އެކަނި ނަގުދު 75000 (ފަންސަހަތްތަރި ހާސް) ރުފިޔާވަރު ހުއްޓެވެ. މި މައުލޫމާތުތައް ނަގާފައި މިވަނީ ނައިފަރު އޮފީހުގައިވާ ނަގުދާ ބެހޭ ފޮތްފޮތުންނެވެ.

އަތޮޅުގެ

       ފާދިއްޕޮޅުގައި އަތޮޅުގެ އެޅުނީ ވަރަށް ފަހަކުންނެވެ. ނައިފަރުގައި އަތޮޅުގޭ ބިންގާ ބޭއްވުނީ، ކަނޑޫދޫގޭ ޙާޖީކަލޭގެފާނުގެ އަތޮޅުވެރިކަމުގައި 1350ހ. ވަނަ އަހަރުއެވެ. ހަތަރު ރަށުގެ ރައްޔިތުންގެ ޚަރަދުގައި، ހަތަރު ރަށުގެ ރައްޔިތުންގެ މަސައްކަތުން އަތޮޅުގެ އަޅައި ނިމުމުން، ސަރުކާރަށް އެތަން ބައްލަވައިގަތީއެވެ. އަގަކަށް ކަނޑައެޅުއްވީ، ދެއަހަރުދުވަހުގެ ވާރު ފާދިއްޕޮޅު ރައްޔިތުންގެ ކިބައިން ކަނޑައިލެއްވުމެވެ. ވާރަކީ ރައްޔިތުންގެ އަތުން އެދުވަސްވަރު ދައުލަތަށް ނެގި ޙާޞިލެކެވެ. ފާދިއްޕޮޅުން ނެންގެވީ ފަނަރަޔާ، ފަސްދޮޅަހާ ދެމެދުގެ ކޮންމެ ފިރިހެނެއްގެ ފަރާތުން، އަހަރަކު 20 މަހާ، ހަތަރު މީހަކަށް ދެލިމުޅިޔަކާއި ފަންގެއަކާއި ކުކުޅެކެވެ. ވާރު މުޅިން ކަނޑައިލެއްވީ 1355ހ. ގައި، މާލޭ ބާޒާރަށް ކިރާ ކޮންމެ މަސް ރާތަލަކުން ލާރިއެއް "ޢާއިދާގެ" ނަމުގައި ނަންގަވަން ފެއްޓެވުމާ އެކުގައެވެ. ފަހުން ޢާއިދާވެސް ކަނޑުއްވައިލެއްވީއެވެ.

ތަހުޒީބާއި ރަށްވެރިކަން

       ޒަމާނާއި އެކަށީގެންވާ ގޮތުން ތަރައްޤީޤެ ފިޔަވަޅުތައް ނައިފަރު އަޅަންފެށީ، ސުމުއްވުލް އަމީރުލް ޙާއްޖު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދައުލަތް ހިންގެވި ދުވަސްވަރު، އާދަމް ޙާޖީކަލޭފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރުން ފެށިގެން ކަމަށް ލަފާކުރެވެއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ތޮށިލުމާއި ފަޅުކޮނުމުގެ އިތުރަށް، މައުލޫދު ހަރުގެ (މަދްރަސަތުލް އިފްތިތާޙް ހިންގާ ޢިމާރާތް) ރޭނުން، ދެއަވަށުގައި ދެ މުސާފިރުޚާނާ ("އުތުރުކޮޅު އަށިގެ" ، "ދެކުނުކޮޅު އަށިގެ") ޢިމާރާތް ކުރުން ހިމެނިގެންވެއެވެ. މިތަނުން ދެކުނުކޮޅު އަށިގެ ތަޅައިލީ "ނޫރާނީ މަކްތަބް" ޢިމާރަތްކުރަންވެގެންނެވެ. އުތުރުކޮޅު އަށިގެޔަކީ "އިރުމަތީގެ" ޔާ ދިމާގައި ތަންކޮޅެއް އުތުރުން އެއްގަމުގައި މިހާރު ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ޢިމާރާތެވެ.
       އަދި ރަށުގެ އެކިދިމަދިމާގައި މެހުމާނުން ފެންވަރާނޭ ވަޅުވަޅު، ވަށައިފާރު ލައިގެން ތައްޔާރު ކުރުމާއި މީހުން ނިކުމެ އުޅޭ މަގުމަގުގައި ހުންނަ ހޮޅުއަށީގެ ބަދަލުގައި ސިމެންތި އަށި (ފިނިމައިޒާން) ރޭނުން ހިމެނެއެވެ.
       އިހުގައި ގޭގޭގައި ގިފިއްޔެއް ނުހުރެއެވެ. 1350ހ. ހައިތާނގައި ހުންނަ ހަނދާން ވަނީ ދިހަވަރަކަށް ގިފިއްޔެެވެ. ގިނަ އަންހެނުން ފެންވަރަނީ މޫދަށް އެރިގެންނެވެ. ލިބާސް އެއްޗެތި ދޮންނަނީވެސް ފިރިހެނުން ނޭރޭ ދިމަދިމާގައި މޫދަށް އެރި ގެނބިގެން ތިބެގެންނެވެ. މޫދުން އަރައި އެކިއެކި ގޭގޭގެ ކައިރީގައި ހުންނަ ނިވައި ނުކުރާ ވަޅުވަޅުން ފެންލައި ލޮނުފިލުވައިގެން، އެތެރެގޭތެރެއަށް ވަދެ ހެދުން ބަދަލުކުރަނީއެވެ. ފިރިހެނުން ފެންވަރަން އެކިދިމަދިމާގައި އަވަށުން ބޭރުގައި ހަދާފައި ހުންނަ ވެލިގަލުގެ ވަޅުވަޅު ހުރެއެވެ.
       އެއީ ސައިބޯނި ނުގެންނަ ދުވަސްވަރުކަމުން ތަކެތި ދާވީމާ، ގޮނޑުދޮށު ދޮންވެލިގަނޑުގައި ތަޅައި ދޮންނަނީއެވެ. މާބޮޑަށް ދާވީމާ އަޅިފެނުގައި ކައްކައިގެންވެސް ތަޅައި ދޮވެއެވެ. އަދި މޫދުގައި އޮޅުފަސް ހުންނަ ތަންތާ ދެތިން ދުވަހަކު މޫދުއަޅާފައި ބާއްވައިވެސް ހަދައެވެ.
       މީގެ 50 އަހަރު ކުރީގައި ރަށުގައި ހުންނާނޭ ކަމަށް ގުނައިލެވެނީ 15ވަރަކަށް ރޭނިގެ އެވެ. މިހާރު ގިނަވާނީ ރޭނިގެ އެވެ.
       މަސައްކަތްތެރިކަމުގެ ގޮތުން ނައިފަރު މީހުންނަކީ ފާޑުވެރި އަތްހިނގާ އަދި އުފެއްދުންތެރި ބައެކެވެ. އެއްޗެއް ފެންނައިރަށް އެއެއްޗެއް ކޮޕީކޮށްލާ ބައެކެވެ. ވަޑިން، ކަނބުރުން، ތިލޭރުން، ރާނާމީހުންފަދަ މަސައްކަތްތެރިން އަބަދުވެސް އުޅެފައިވެއެވެ. ފަހަކަށް އައިސް ފަންނުތައް ކުރިއަރައި، މަސައްކަތްތެރިންނާ އުފެއްދުންތެރިކަން ގިނަވެ، 1367ހ. އިން ފެއްޓިގެން ރާއްޖޭގައި ބޭއްވެވެމުން އައި އަތްތެރި މަސައްކަތުގެ މަޢުރަޟްތަކުގައި ނައިފަރު ހިމެނެމުން އައީ އެންމެ މަތީ ވަނަތަކުގެ ތެރޭގައެވެ.
       ތަޢުލީމީގޮތުންވެސް، ވަރަށް ކުރީއްސުރެ ނައިފަރު އަންނަނީ ފާހަގަކުރެވެމުންނެވެ. އެއީ އެކިދުވަސްވަރު މާލޭގެ ޢިލްމުވެރި މަތީ ފެންވަރުގެ މީހުން، ނައިފަރަށް އައިސްފައި ވާތީކަމަށް ލަފާ ކުރެވިދާނެއެވެ. އެކަމުގެ ސަބަބުން ރަށުގެ ފަސްގަނޑުގައި ޢިލްމުގެ ވަސް ހިފައިފައި ވަނީއެވެ. ފަހަކަށް އައިސް މާލޭގެ ބޮޑުގަލު ޙަސަން މަނިކޭ ކިޔާބޭކަލަކު، އަދި އަލްޢާލިމުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) އަދި އަލްޢާލިމު ހުތްޢަލިދީދީ ފަދަ ޢިލްމުވެރިން ނައިފަރަށް ދުރުވެ، މީހުނަށް ޢިލްމު އުނގަންނައިދެއްވާފައި ވެއެވެ. އަދި މާލެއިން އައްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ އަރިހުންނާއި، މާލޭން ދެކުނުން އައްޑު އަތޮޅުންވެސް ނައިފަރުގެ ދަރީން ޢިލްމު ޙާޞިލްކޮށްފައި ވެއެވެ.

ރަށުގެ މަގުހެދުން

       އެއްސީދަލަށް އެއްވަރަކަށް ހެދިފައިވާ މަގުމަގެއް ކުރިޔަކުން ނޯވެއެވެ. ގެތަށް އެޅިފައި ހުންނަނީ، ދޮރުމަތީގައި ބަދިގެ ހުންނަގޮތަށެވެ. ގެޔާ ބަދިގެޔާ ދެމެދުގައި އޮންނަނީ ޢާއްމުން ހިނގާ މަގެވެ. އެމަގުތައް އޮންނަނީ، ގެތަކުގެ އިންތިޒާމެއް ނޯންނަފަދައިން ގުދުގުދުލައި ބައިބައިވެފައެވެ. އަދި ހަނިހަނި މަގުތަކަކަށެވެ. މިހާރުވެސް ބޮޑުމަގުތައް ފިޔަވައި ގެތަކުގެ ތެރެޔަށް ވަނުމުން އެގޮތް ފެންނާނެއެވެ. ރަށުގެ ބޮޑެތި މަގުތައް ހެދުނީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ރާއްޖެ ހިންގެވި ދުވަސްވަރު، މުޅި ރާއްޖޭގެ ރަށްރަށުގައި މަގުތައް ހެއްދެވިއިރު، އަލްފާޟިލް ޢަބްދުލްޙަކީމު ކާންނާ ކަލޭގެފާނުގެ އަތޮޅުވެރިކަމުގައެވެ. މަގުހަދަންވެގެން ރާނައި ޓިނުޖަހާފައިވާ 46 ގެޔާއި، ނުރާނައި ހުރި 59 ގެ ނެގުނެވެ. މިގޭގެ އަޅައިދެވުނީ ރައްޔިތުންގެ މާލިއްޔަތުންނެވެ. (މަގުހަދަން ނެގުނު ގެތަށް ލިޔެފައިވާ ފޮތުން)

ގަސްގަހާގެހި

       ރަށުގައި އާންމުކޮށް ހުންނަ އެންމެގިނަ ގަހަކީ ކާނިގަހެވެ. މުޅި ރަށުގެ ހުރިހައިތަނެއްގައިވެސް ކާނިގަސް ހުރެއެވެ. އަށެއްކަމީހުން އަތްގުޅިނުކާހައި ބިޔަ ގަސްގަސް ހުއްޓެވެ. އުތުރުކޮޅުން ކުޑަމިސްކިތްމަގާ ހަމައިން ފެށިގެން ތުނޑިޔާ ހަމައަށް، ވަރަށް ބޮޑު ހިސާބުގަނޑެއްގައި ފެތުރިފައި އޮތް ފުނަވަލެއް އޮތެވެ. ނިކަ، މަސްކަނދު، ވަރުކަނދު، ޅޮސް ގިނައިން ހުރެއެވެ. ކިނބި، ބެރެބެދި، ވަރަށް ބިޔަ ތިން ހަތަރު ގަހެއް ހުއްޓައި ދުށީމުއެވެ. ބޮޑުހިޔާ ގަހާއި، ފިލިގަސްވެސް ދެތިން ގަހެއް ހުއްޓެވެ.
       އެންމެ ގިނައީ ރުކެވެ. އެހެއްދުމަށް އެންމެން ފަރުވާ ބަހައްޓާތަން ފެނުނެވެ. ކޮންމެ ކުއްޖަކު އުފަންވީމާވެސް އެކުއްޖަކު ފެންވަރުވާ ފެންތެލި ކައިރިއަށް ބޮޑު ދެކާށި ލުމަކީ، ވަރަށް ގިނަ ރަށްރަށުގެ އާދައެއް ކަމުގައިވާ ފަދައިން، ނައިފަރުގެވެސް އާދަޔެކެވެ. އެ ދެކާށި ރުއްފަޅައިގެން ކުއްޖާޔާއެކު ބޮޑުވަމުން އަންނާނެއެވެ. ދެން ރުއް ބޮޑުވެ ގޭގައި ނުހުރެވޭވަރު ވީމާ، ގެންގޮސް ވަލުތެރޭގައި އިންދައިގެން ފެންދީ ހައްދަނީއެވެ. މިރުކަށް ކިޔަނީ "ފެންތެލިދަށުލީ ރުއް" އެވެ.
       ވަކިވެރިޔަކު ނެތި ވަލުކާނާގެ ގޮތުގައި ހުންނަ ތަކެއްޗެއް ނުހުރެއެވެ. އެކިމީހުން ހައްދާފައި ހުންނަ ބަނބުކެޔޮ، ކަށިކެޔޮ، ލުނބޯ، ޖަނބުރޯލު، ކުންނާރުފަދަ ގަސްގަސް ހުރެއެވެ. މީހުނަށް ގޯތިދިނުމަށް ގަސްރުއް ކަނޑަމުންގޮސް މިއަދާހަމައަށް އެއްވެސް ބޮޑުގަހެއް ނެތެވެ. ރުކުގެ ތެރެއިން މިހާރު ހުރީ ފޯދިފައިހުރި 380 ރުކެވެ.

ރަށުގެ ބޮޑުމިން

       މިއަދާ ހަމަޔަށް ނައިފަރުގެ ބޮޑުމިނަކީ ދިގަށް 1700 ފޫޓު، ހުރަހަށް 1000 ފޫޓެވެ. ސިފަޔަކީ އުތުރަށް ހިމަކޮޅުއޮތް ކުކުޅުބިހެއްގެ ބުރެވެ. ވޭތުވެދިޔަ 60ވަރަކަށް އަހަރު ތެރޭގައި އުތުރުކޮޅު ތުނޑިން ފެށިގެން، ރަށުގެ ހުޅަނގުބިތުންގޮސް ދެކުނުކޮޅު ވަށާލައި، އަތޮޅުގެޔާ ދިމާ ވާޓަރާ ހަމައަށް 30 ވަރަކަށް ފޫޓުގެ ފުޅާމިން ގިރައިގެންގޮސްފައި ވާނޭކަމަށް ފެނެއެވެ. އަޅުގަނޑުމެން ކުޑައިއިރު އަރައިގެން އުޅުނު ބައެއްގަސްގަސް ހުރިތަންތަން، މިހާރުވަނީ މޫދަށް ވެފައެވެ. އިހުގައި އުވަވަޅު ޖެހި ތަންތަންވެސް މިހާރުވަނީ ގިރައިގެން ގޮސްފައެވެ. މީގެ 70 އަހަރު ކުރިން، ކުޑަމިސްކިތުގެ އުތުރަށް އޮންނަނީ ޖަންގައްޔެވެ. ދުވާލު މެންދުރަށްވެސް އެހިސާބުން ޒާތްޒާތުގެ އެއްޗިއްސާއި، ކުޑަކުދިންނާއި، ކަޅުމީހުން ދެކިގެން، މީހުން ހޭނެތި ގޮތްގޮތްވާ ވާހަކަ ދައްކައެވެ. އެއީ ލޮލަށް އަރާ އެކިއެކި ހިޔަނީގެ ސަބަބުން ބިރުގަނެގެން ހިނގާ ކަންކަން ކަމަށް ފެނެއެވެ.
       ދެކުނުކޮޅުންވެސް އާމިސްކިތް ކައިރީގައި އޮންނަނީ ގަސްރުކާއި ވާފަޅިއެވެ. ހުޅަނގުފަރާތުން ވައިލެޓްމަގާ އިންވެގެން ދެކުނަށް ވަނީ ގަސްރުކާއި، ބޯކޭލާއި، ޅޮސް، މިރިހި ޒާތުގެ ގަސްގަހުގެ ވާގަނޑުތަކެވެ. އަތޮޅުގެ އެހުރިތަނާއެކު، ދެކުނަށްވެސް ގަސްރުކާއި ވަލެވެ. ހުކުރުމިސްކިތުން ފެށިގެން ކުޑަމިސްކިތާ ދޭތެރެޔާއެކު، އުތުރަށާއި ހުޅަނގަށް ވަނީ ބޮޑެތި ގަސްތަކެވެ.

4 comments:

Shah said...

Varah furihama mauloomaathkolheh.

Unknown said...

Interesting.

Unknown said...

ވަރަށް އަގުހުރި މަސައްކަތެއް...

Anonymous said...

Unknown Odi Adam Ali kaleyfaan's sailing ship. Maybe recorded at Colombo Harbour.Myfather was ship owners young brother.