Wednesday, December 9, 2009

ފިދާއީ ހަމަލާ
ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް
ފިދާއީ ހަމަލާއާއި މެދުގައި ދެކެވޭ ވާހަކަ ވަރަށް ގިނައެވެ. އެމައްސަލައާއި މެދުގައި ޢިލްމުވެރިންގެ ބަސްފުޅުތަކާއި ލިޔުންތައް ގިނަވެފައިވެއެވެ. އާންމުކޮށް އިސްލާމީ ދުނިޔޭގެ ޚަބަރުތަކުގައި ފަލަސްޠީނާއި އަފްޣާނިސްތާނާއި ޕާކިސްތާނާއި އިރާގު ފަދަ ގިނަ ގައުމުތަކެއްގައި ފިދާއީ ހަމަލާތައް ދެވޭ ވާހަކަ ވަރަށް ގިނައިން މީހުން އަޑުއަހާނެއެވެ. އަދި ދާދި މިދާކަށްދުވަހު ޕާކިސްތާނުގައި ދެވުނު ފިދާއީ ހަމަލާއެއްގައި ދިވެއްސަކު ބައިވެރިވެ، އަދި ދިވެހި މުޖުތަމައަށް މިކަމަށް ގޮވާލައިފައިވެއެވެ.

އަޅުގަނޑު މިމަޟްމޫނުގައި ވަކި ބަޔަކާއިމެދުގައި ނުވަތަ މީހަކާއިމެދުގައި ހުކުމެއް ކުރާކަށް ނެތީމެވެ. އެމީހުންނަކީ ޝަހީދުންކަން ނުވަތަ ނޫންކަން މޮޅަށް ދެނެވޮޑިގެންވަނީ ސިއްރާއިފައުޅު މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ވީމައި ފިދާއީ ހަމަލާގެ ޝަރުޢީ ހުކުމާއިމެދުގައި ޢިލްމުވެރިންގެ ނަޡަރިއްޔާ ހާމަވާފަދަ ލިޔުމެއް ތިޔަބޭފުޅުންނާއި ހިއްސާކޮށްލުމަކީ ކޮންމެހެން ބޭނުންކަމެއްކަމުގައި ދެކިގެން ޝަރުޢީ ނަޡަރަކުން ފިދާއީ ހަމަލާގެ ހުކުމް ބަޔާންކުރުމަށް ގަސްތުކުރީމެވެ.
ދުނިޔޭގެ އެތަންމިތަނުގައި ދެވެމުންދާ ފިދާއީ ހަމަލާތަކަށް ބަލާއިރު ވަރަށްގިނަ ސުވާލު މީހުންގެ ހިތުގައި އުފެދިފައި ވެއެވެ.

- ފިދާއީ ހަލާއާއިމެދުގައި ޤުރްއާނާއި ސުންނަތާއި އަދި ސަލަފުންގެ ބަހަކީ ކޮބައިބާއެވެ؟

- ފިދާއީ ހަމަލާ ހުއްދަނަމަ އެފަދަ ހަމަލާއެއް ދެވޭނީ ކޮންކޮން ތަންތާކު ބާއެވެ؟ ކާފަރުން އުޅޭ ކޮންމެ ތާކު، ނުވަތަ ކޮންމެ ރަށެއްގައިވެސް ހުއްދަވާނެބާއެވެ؟

- ފިދާއީ ހަމަލާ ދެވޭނީ ކޮން ހާލަތްތަކެއްގައިބާއެވެ؟ ދުޝްމަނުންގެ ހައެއްކަމީހުން މަރާލުމަށްޓަކައި މުސްލިމުން ދިރިއުޅޭތަނެއްވެސް ގޮށްވައިލެވިދާނެބާއެވެ؟

- ފިދާއީ ހަލާގައި މަރުވާ މީހުންނަކީ ޝަހީދުން ހެއްޔެވެ؟ ނުވަތަ އަމިއްލަ ނަފްސު ގަތުލު ކުރާބައެއްހެއްޔެވެ؟

މިސުވާލުތަކުގެ ޖަވާބުގައި ޢިލްމުވެރިންގެ ދިރާސާތަކަށް ބަލައިލުމުން ހާސިލުވާ ޚުލާސާ ކަލާމަކީ:

ފިދާއީ ހަމަލާއަކީ އެއްމެނަށްވެސް ބޭނުން ޖެހިދާނެ އެއްޗެކެވެ. އާންމުކޮށް ފިދާއީ ހަމަލާއަކަށް ދާން ޖެހެނީ މަޖުބޫރީ ހާލަތުގައެވެ. އެހެންގޮތަކުން ހަމަލާދިނުމަށް ނުވަތަ ދުޝަމަނުން ބަލިކޮށްލުމަށް ނުކުޅެދުމުންނެވެ. ވީމައި މުސްލިމުންނަށް މިއަދު ފިދާއީ ހަމަލާއަކަށް ދިޔުމަށް ޖެހިފައިވާ ބައެއް ސަބަބުތަކަކީ:

ހ- މުސްލިމުންގެ ބައެއް ރަށްތަކާއި ގައުމުތަކުގެ މައްޗަށް ދުޝްމަނުން ވެރިވެ، އެތަންތަނަށް އަތްގަދަކޮށް އިސްތިޢުމާރުކޮށްފައިވުމެވެ. އަދި ހައްގުން ކަމަކާއި ނުލައި އެބައިމީހުންގެ ލެއާއި މުދާ ހަލާލު ކޮށް، އެމީހުނަށް އަނިޔާވެރިވުމުގައި ހައްދުފަހަނައަޅައިދިޔުމެވެ. ފަލަސްޠީނުގައި ޔަހޫދީންގެ އަނިޔާވެރިކަމެވެ. ކަޝްމީރުގައި ހިންދޫންގެ އަނިޔާވެރިކަމެވެ. ޗެޗްނިއާގައި ރަޝިޔާއެވެ. އަދި އަފްޣާނިސްތާނާއި އިރާޤުގައި އެމެރިކާއާއި އެމީހުންގެ ހަލީފުންގެ ފޭރުމާއި އަނިޔާއެވެ.

ށ- މިހުރިހައިކަމަކާއިއެކުގައި އަނިޔާލިބެމުންދާ މުސްލިމުންގެ އަތުގައިވާ އިޚްތިޔާރާއި އަސްބާބު މަދުކަމެވެ. ބާރާއި ޤުއްވަތު ނެތުމެވެ. އެއީ އިންސާނާއަށް އިތުރު މަގުތަކާއި އައު ބާރެއް ހޯދުމަށް މަގު ފަހިވާކަމެކެވެ. ޖާނުދީގެންވެސް އަނިޔާވެރިކަމުގެ ބަދަލު ދެވުމަކީ އިންސާނުންގެ ހިތް ހަމަޖެހޭކަމެކެވެ.

ނ- އާޚިރަތުގެ ބަދަލުގައި ދުނިޔޭގެ ޙަޔާތަކީ ނުވަތަ ފުރާނަޔަކީ އެބައިމީހުނަށް އަގުހެޔޮ އެއްޗެއްކަމުގައި ވުމެވެ. އަދިކިޔެއް ޢިތްޒަތުގެ މަރަކުން މަރުވުމަކީ ނިކަމެތި މަރަކަށްވުރެ މިނިވަން ކޮންމެ އިންސާނެއްގެ ގާތުގައި އަދި ހިތްވަރުގަދަ ކޮންމެ ބަޠަލެއްގެ ޝަރަފެކެވެ. "ނިކަމެތިކަމާއިއެކުގައި ޙަޔާތުގެ ފެން ނުދޭށެވެ! އަދިކިޔެއް ޢިތްޒަތާއިއެކުގައި މަރުގެ ރަހަ ދައްކާށެވެ!"

ރ- ދީނަށްޓަކައި ޤުރުބާންވުމާއި ފިދާވުމާއި ﷲގެ މަގުގައި ޝަހީދުވުމުގެ ލޯތްބާއި އެދުން އެބައިމީހުންގެ ހިތުގައި ބޮޑުވެފައިވުމެވެ. މިހުރިހައި ސަބަބަކީވެސް މިއަދު މުސްލިމުން ފިދާއީ ހަމަލާއަކަށް ދާންޖެހުމުގެ ސަބަބެވެ. ﷲގެ ދީނަށްޓަކައި އެކަލާނގެ މަގުގައި ދުޝްމަނުންގެ އަނިޔާވެރިކަމުން އިސްލާމްދީނާއި މުސްލިމު އުންމަތް ސަލާމަތްކުރުމަށްޓަކައި ޖިހާދު ކުރުމަކީ އެއްމެ މާތް އެއްމެ މަތިވެރި އެއް ޢަމަލުކަމާއިމެދުގައި ޝައްކެއް ނެތެވެ. މިދީނުގެ ދުޝްމަނުން (ހަނގުރާމަވެރިކާފަރުން) ބިރުގަންނުވާލާފަދަ ނުވަތަ ބޮޑު ގެއްލުމެއް ލިބޭފަދަ ވަރުގަދަ ހަމަލާއެއްދިނުމަކީ އެއްމެ މާތް މަތިވެރި ޖިހާދު ކަމުގައިވެސް ރައިބެއް ނެތެވެ. އަދި އެފަދަ ހަމަލާއެއްގައި ތިބާގެ ފުރާނަދޭ މީހުންނަކީ މަރުވާބައެއް ނޫނެވެ. އަދިކިޔެއް އެމީހުންނަކީ ސުވަރުގޭގެ އާރުތަކަށް ވާރިދުވެ، އެތަނުގެ ނިޢުމަތްތަކުގައި ރިޒުގު ލިބިގެންވާ ހާލު ދިރިތިބި ބައެކެވެ. އެބައިމީހުންނަކީ ﷲ އަށްޓަކައި އެކަލާނގެ މަގުގައި އެމީހުންގެ ލެއާއި ފުރާނަ ހަދިޔާކުރި މާތް ޝަހީދުންނެވެ
.
އަމިއްލަ ނަފްސު ގަތުލުކުރުމަކީ ދުނިޔޭގެ ހަޔާތުން ފޫހިވެގެން، އެތަނުން ސަލާމަތްވުމަށްޓަކައި ނުވަތަ ޝަރުޢީ ހަމަތަކާއި ޚިލާފަށް ތިމާގެ ނަފްސު ގަތުލު ކުރުމެވެ. އެއީ އެއްމެ ބޮޑެތި ފާފައިގެ ތެރެއިންވާ ކަމެކެވެ.

މިޒަމާނު ތަޢާރުފުވެގެން މިއުޅޭ ފިދާއީ ހަމަލާއާއި މެދުގައި އާދެ! އަމިއްލަ ގައިގައި ބޮންބަނދެގެން ދުޝްމަނުންގެ ތެރެއަށް ވަދެ އެމީހުންގެ އަމިއްލަ ނަފްސާއި އެމީހުންގެ ވަށައިގެންވާހައި މީހުންނަކާއި ތަކެއްޗެއް ގޮށްވާލައި މަރުވުމުގެ މައްސަލައިގައި ޤުރްއާނާއި ސުންނަތުގައި އަދި ކުރީގެ ސަލަފުންގެ ބަސްފުޅެއް ލިބޭކަށް ނެތެވެ. ސަބަބަކީ ފިދާއީ ހަމަލާގެ މި ބާވަތަކީ ހަނގުރާމައިގެ ފަހުގެ، އައު އުކުޅެކެވެ. މިބާވަތުގެ ހަމަލާއަކީ ދެވަނަ ބޮޑުހަނގުރާމައިން ފެށިގެން އޭގެ ފަހުން ތަޢާރުފުވެފައިވާ ދިފާއީ ހަނގުރާމައިގެ ވައްތަރެއްކަމުގައި މިހާރަކަށްއައިސް އަސްކަރީ ޓްރޭންގައި ދަސްކޮށްދެވޭ ބާވަތެކެވެ.

ފިދާއީ ހަމަލާއާއި މެދުގައި މީހުންގެ ސުވާލާއި ޖަވާބު ތަފާތުވެފައިވެއެވެ. ބައެއް މީހުން އެއީ ޝަހީދުވުމެއްކަމުގައި ބުނާއިރު އަނެއްބަޔަކު އެއީ އަމިއްލައަށް މަރުވުންކަމުގައި ދެކެއެވެ. މިމައްސަލައާއި އެއްވައްތަރު ބައެއް ތާރީޚީ ހާދިޘާތަކުން ބައެއް ފިޤުހުވެރިން ވަކި ހާލަތްތަކެއްގައި ވަކި ޝަރުޠުތަކަކާއި އެކުގައި ފިދާއީ ހަމަލާ ހުއްދަކުރައްވައެވެ. އަނެއްބައި ޢިލްމުވެރިން އެކަން މަނާކުރައްވައެވެ.

ކުރީޒަމާނުގައި ހިނގައިފައިވާ ފިދާއީ ހަމަލާއާއި އެއްވައްތަރު މައްސަލައަކީ އެއްމެ މީހަކު ހަތިޔާރާއި އެކުގައި ދުޝްމަނުންގެ ސަފުތަކުގެތެރެއަށް ވަދެގަނެގެން ގަތުލުވެއްޖައުމަށް ދާންދެން ހަމަލާދިނުމެވެ. ޢިލްމުވެރިން އެކަން ހުއްދަކުރައްވާފައިވަނީ ދުޝްމަނުންނަށް ބޮޑު ގެއްލުމެއްދެވި، އޭގެސަބަބުން އެމީހުން ބިރުގަންނުވާލައި، އިސްލާމުންގެ ހިތްވަރު އައުކުރެވޭފަދަ ވަރުގަދަ ހަމަލާއެއް ދެވޭނެކަމުގައި ޔަގީންވާނަމަ އެގޮތަށް ވަދެގަތުން ހުއްދަކަމުގައެވެ. އެހާލަތުގައި އެއްމެ މީހަކު ދުޝްމަނުންގެ މެދަށް ފުންމާލައިގެން މަރުވުމަކީ ހުއްދަކަމެއްކަމުގައި محمد بن الحسن الشيباني ކިބައިން 'السير (1/163)' ގައި އައިސް ފައިވެއެވެ. އަދިވެސް އޭގައިވެއެވެ. އާއި ސުވާލުކުރެވުމުންއިސްވެ ދިޔަފަދަ ހާލަތާއިމެދުގައި أبو هريرة ވިދާޅުވިއެވެ. "އެފަދަ ހަމަލާއެއް ދޭ މީހާއަށް ޢަދުއްވުންގެ ސަފުތެރޭގައި ބޮޑުގެއްލުމެއް ނުދެވޭނެކަމުގައި ފެންނަނަމަ އެމީހުންގެތަރަށް ވަދެގަތުމަކީ ހުއްދަކަމެއް ނޫނެވެ. އޭގެސަބަބުން ވާނީ ގަތުލެވެ. އެކަމުގައި ދީނަކަށް ޢިތްޒަތެއް ނުވެއެވެ. މާތް ވަހީކުރެއްވިއެވެ. ولا تقتلوا أنفسكم إن الله كان بكم رحيما( النساء) 29. މާނައީ: "އަދިތިޔަބައިމީހުންގެ ނަފްސުތައް ގަތުލު ނުކުރާށެވެ! ހަމަށަވަރުން ތިޔަބައިމީހުންނަށް ރަހުމަތްވަންތަ ކަލެއްކަމުގައި ﷲ ވޮޑިގެންވެއެވެ."

އެއްމެ މީހަކު ޢަދުއްވުންގެ ތެރަށް ވަދެގަނެގެން ހަމަލާދީ ގިނަބަޔަކު މަރާލައި ނުވަތަ އެމީހުން ބިރުގަންނުވާލައި ނުވަތަ މުސްލިމުންގެ ހިތްވަރު އައުކޮށްދޭފަދަ ރަނގަޅު މަގުސަދެއް ހާސިލުވާނަމަ އެހާލަތުގައި ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި އެކަން ރަނގަޅެވެ. ނަމަވެސް ތަނެއް ދޮރެއް ނުބަލައި ހަމައެކަނި ޖޯޝަކުންނަމަ އެއީ ހުއްދަކަމެއް ނޫނެވެ. އަދިކިޔެއް އޭގެ ސަބަބުން މުސްލިމުންނަށް ގެއްލުން ހުރިނަމަ އެއީ ހުއްދަކަމެއް ނޫނެވެ. މިފަދައިން އަލް ޙާފިޡް އިބްނު ޙަޖަރުގެ އަރިހުންވެއެވެ. سبل السلام (2/ 473).

ފިދާއީ ހަމަލާއާއި ވައްތަރުގެ މިހަމަލާ ޢިލްމުވެރިން ހުއްދަކުރައްވާފައިވަނީ ބަޔާންވެދިޔަ ޝަރުޠު ތަކާއި އެކުގައެވެ. މިފަދައިން ابن العربي ލިޔުއްވާފައިވެއެވެ.

شيخ الإسلام ابن تيمية 'الإنصاف (4/ 116)' ގައި ވިދާޅުވެފައިވެއެވެ. "މުސްލިމުންގެ މަޞްލަހަތަށްޓަކައި ޢަދުއްވުން (ހަނގުރާމަވެރި ކާފަރުން) ގެ ތެރެއަށް ވަދެގަތުން ހުއްދަވެގެންވެއެވެ. އެހެން ނޫންނަމަ މަނާވެގެން ވެއެވެ. އެއީ އަމިއްލައަށް މަރުވުމެވެ."
ވީމައި އަޅުގަނޑުމެން މިއަދު މިވާހަކަ ދައްކާ މައްސަލަ 'ފިދާއީ ހަމަލާ' އެއީ އެކެއް ނުވަތަ މަދު މީހުންގެ ޖަމާއަތެއް ހަތިޔާރާއިއެކުގައި ދުޝްމަނުންގެ ތެރެއަށްވަދެ ގޮށްވައިލުން ހުއްދަވާނީ ވަކި ހާލަތްތަކެއްގައި ވަކި ހަމަތަކަކާއި އެއްގޮތަށް ދެވިއްޖެނަމައެވެ. އެގޮތުން ފިޤުހުވެރިންގެ ބަސްފުޅުތަކުން ނެގޭ ޝަރުޠުތަކުގެ ޚުލާޞާއަކީ:

ހ- ﷲގެ ކަލިމަ މަތިވެރިކުރުންކަމުގައިވުން، ޒާތީ ނުވަތަ ގައުމީ އަދި ނަސްލީ ހަމަނުޖެހުންތަކެއްކަމުގައި ނުވުމެވެ.

ށ- ދުޝްމަނުންނަށް ބޮޑު ގެއްލުމެއްދީ ނުވަތަ އެމީހުން ބަލިކުރެވޭނެކަމުގައި ނުވަތަ އޭގެ ސަބަބުން މުސްލިމުންނަށް ބޮޑު ފައިދާއެއް ލިބޭނެކަމުގައި ޔަގީން ނުވަތަ ބޮޑު އުންމީދެއް އޮތުމެވެ. އެކަން ކަނޑައެޅުމަކީ ކޮންމެކޮންމެ މީހަކަށް ވާނޭ ކަމެއް ނޫނެވެ. އަދިކިޔެއް މުސްލިމުންގެ ތެރެއިން ޝަރުޢީ ޢިލްމުގެ އިތުރުން ޢަސްކަރީ އަދި ސިޔާސީ ތަޖުރިބާހުރި ޚާއްސަ މީހުންގެ މަޝްވަރާއާއި ލަޝްކަރުގެ ކޮމާންޑަރުގެ އަމުރަށް މެނުވީ އެފަދަ ހަމަލާއެއް ދިނުމަކީ ހުއްދަކަމެއް ނޫނެވެ.

ނ- އެހަމަލާ ވާންޖެހޭނީ މުސްލިމުންނާއި އިދިކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައިވާ ކާފަރުންނަށް ދެވޭ ހަމަލާއެއްކަމުގައެވެ. ކާފަރުންގެ ތެރޭގައި މުސްލިމުންނާއި ސުލްހަވެގެންވާ މީހުންނާއި މުސްލިމު ގައުމުތަކުން އަމާން ހޯދައިގެންވާ މީހުންނާއި ޛިންމީން (މުސްލިމުންގެތެރޭގައި ރަށްވެހިވެގެންތިބޭ މީހުން) ނާއި މުޢާހިދުން (އެގްރިމެންޓެއްގެ ދަށުން އުޅޭ މީހުން) ހިމެނެއެވެ. އެމީހުންގެ ލެއާއި މުދަލަކީ ހުއްދަ އެއްޗެއް ނޫނެވެ. އަދިކިޔެއް އެއީ ޙިމާޔަތް ލިބިގެންވާ ބައެކެވެ. ހަމައެކަނި ގަތުލުކުރުން ނުވަތަ ހަމަލާދިނުން ހުއްދަބަޔަކީ ހަމައެކަނި ހަރުބީ ކާފަރުން (ހަނގުރާމަ މަތީ ކާފަރުން) ނެވެ. އެނޫން ބަޔަކަށް ހަމަލާދިނުމަކީ ހުއްދަކަމެއް ނޫނެވެ. އިތުރުއެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ((من قتل معاهداً لم يرح رائحة الجنة، وإن ريحها يوجد من مسيرة أربعين عاما )) البخاري (10/ 423) "މުޢާހިދަކު ގަތުލު ކޮށްފި މީހަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. އެތަނުގެ ވަހަކީ ސާޅީސް އަހަރުގެ ރާސްތާއަށް ފެތުރިގެންވާ ވަހެކެވެ." ދެން ކޮބައިތޯ މުސްލިމެއްގެ ލޭ އޮހޮރުވާމީހާގެ ހާލު ހުންނާނެ ގޮތަކީ!؟

ރ- މިފަދަ ހަމަލާތައް ދޭން ޖެހޭނީ އޭގެ ޝަރުޠުތައް ތަންފީޛު ކުރެވޭވަރުގެ ފަރާތްތަކުން ކާފަރުންގެ ގައުމުތަކުގުއެވެ. ނުވަތަ އެމީހުން އަރައި ވެރިވެގަނެފައިވާ މުސްލިމުންގެ ރަށެއްގައި އެމީހުން ފަހައިލުމަށްޓަކައި މުސްލިމުން ކުރާ ހަނގުރާމައިގައެވެ. މިސާލަކަށް ފަލަސްޠީނުގައިވާ ޔަހޫދީންނާއި ޗެޗްނިއާގައިވާ ރަޝިއަނުން ނުވަތަ އިރާގާއި އަފްޣާނިސްތާނު ފަދަ މުސްލިމު ގައުމުތަކަށް އަތްގަދަކޮށްފައިވާ ކާފަރުންނާއި އިދިކޮޅަށް އެކަންޏެވެ.

ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ބަޔާންވެދިޔަ ޝަރުޠުތަކާއިއެކުގައި މިފަދަ ހަމަލާ ދޭ މީހުންނަކީ ﷲގެ އިޛުނަފުޅުން ޝަހީދުންނެވެ. ނަމަވެސް ހަމަލާ ދޭ މީހުންނަކީ އޭގެ މަގުސަދު ހާސިލު ކުރެވޭހައި ކުޅަދާނަކަން ލިބިގެންނުވާ އަދި އެކަމުގެ ޝަރުޠުތައް ހަމަނުވާ ބައެއްނަމަ އެއީ ހުއްދަކަމެއް ނޫނެވެ. އަދިކިޔެއް ދުޝްމަނުންނަށް ދެވޭ ހަމަލާތަކުގެ ސަބަބުން ކުށެއްނެއް މީހުންނާއި މުސްލިމުން ދިރިއުޅޭ ތަންތަނަށް ހަމަލާދިނުމާއި ރަށްތަކާއި އަވަށްތައް ސުންނައިފަތި ވުމާއި ދިފާޢުކުރުމަށް ނުކުޅަދާނަވަރުގެ އާންމު ހަނގުރާމައަކަށް ދާން ޖެހިދާފަދަ ހާލެއްގައި ހަމަލާ ދިނުމަކީ ހަލާލުކަމެއް ނޫނެވެ.

މިހާރަކަށް އައިސް މުސްލިމު ގައުމުތަކުގައި އެގައުމުތަކުގެ ސަރުކާރާއި އިދިކޮޅަށް ބައެއް ޖަމާއަތްތަކުން ދޭހަމަލާތަކާއި ގޮށްވާ ގޮށްވުންތަކަކީ މުސްލިމުން ކާފަރުކުރުމުގެ ނުބައި ބިދުޢައިގެ ސަބަބުން ފެށިގެންއުޅޭ ކަމެކެވެ. ވެރިކަންތަކާއި ސަރުކާރުތައް އަތުލައިގަތުމަށްޓަކައި ކުރެވޭ މި އަހުލީ ހަނގުރާމަތަކަކީ އިސްލާމްދީނުގައ އެއްމެ ފުރަތަމަ އުފެދުނު ޚަވާރިޖުންގެ ނުބައި ބިދުޢައާއި އެމީހުންގެ ފިތުނަވެރިކަމުގެ ބައެކެވެ. އެމީހުންގެ ފިކުރާއި ވިސްނުން ގަބޫލު ނުކުރާ ކޮންމެ މީހަކު ކާފަރުކޮށް، ދީނުން ބޭރުކޮށް އޭގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ލެއާއި މުދާ ހަލާލު ކުރަނީއެވެ. އަންހެނެއް ފިރިހެނެއް މުސްކުޅިއެއް ކުޑަކުއްޖެއް ހަނގުރާމަވެރިއެއް އާންމުންގެ މީހެއް ނުބަލައި ހަމަލާދެނީއެވެ. ޖިހާދުގެ ނަމުގައި މިބައިމީހުން ހަމަލާނުދޭ ވަކިތަނެއް ނެތެވެ. މިއަމަލިއްޔާތަކުގެ ނަތީޖާއަކީ މުސްލިމުން ބައިބައިވެ، އިސްލާމީ މުޖުތަމާތައް ނާމާން، ބިރުވެރި ހޮހަޅަތަކަކަށް ބަދަލުވެފައިވުމެވެ. މިރަށްތަކުގައި ވާ މަދަރުސާތަކާއި ހޮސްޕިޓާތަކާއި މިސްކިތްތައްވެސް ވަނީ ނާމާންކަމުގެ ހާލަތުގައެވެ. ދުނިޔެއާއި އާޚިރަތަށްޓަކައި އެއްވެސްކަމެއް ކުރުމުން ގިނަބަޔަކުތިބީ މަހުރޫމުވެފައެވެ. މިއުންމަތް ނިކަމެތިވުމުގެ އެއްމެބޮޑު އެއްސަބަބެއްކަމުގައި ފެންނަންއޮތީ މިހަމަނުޖެހުންތަކެވެ. މީގެ ފުރިހަމަ މިސާލެއްކަމުގައި އިރާގާއި އަފްޣާނިސްތާނު އަދި ޚާއްސަކޮށް ޕާކިސްތާނު ފުދެއެވެ.

ގަތުލު ޢާންމާއި ފޭރުމެވެ. ބިރުވެރިކަމުން އެއްވެސް މީހަކަށް ހަމަހިމޭންކަމާއިއެކުގައި ގޭންބޭރަށް ބޯދިއްކޮށްލާކަށް ނުކެރެއެވެ. ނަމަވެސް ގޭތެރެއަކީވެސް އަމާންކަމެއް އޮތް ތަނެއް ނޫނެވެ. ހަމަލާ އަންނާނީ ކޮންފަރާތަކުންކަމެއް ނޭންގެއެވެ. ހަމަލާ ދެނީ ކޮންބައެއް ކާކަށް ކަމެއްވެސް ނޭންގެއެވެ. މީހުންދިރިއުޅޭ ފްލެޓްތަކާއި ކުލީ ހޮޓާތަކާއި ރެސްޓްރޮންޓުތަކާއި އާންމުން ގަނެވިއްކުމަށްޓަކައި އެއްވެއުޅޭ މާރކެޓުތަކާއި ބާޒާރުފަދަ ތަންތަނަށް ހަމަލާ ދިނުމަކީ މިގައުމުތަކުގައި ކޮންމެ ރެއަކާއިދުވާލު ހިނގަމުންދާ ކަންތަކެވެ. ހަނގުރާމަވެރި ދުޝްމަނުންނާއި ހަތިޔާރު އަޅައިގެން އުޅޭ ޖަމާޢަތްތަކުގެ މީހުން ގިނަފަހަރު ސަލާމަތްވެ އާންމުގޮތެއްގައި ފަނާވަމުންދަނީ ކުށެއް ބުށެއްނެއް މަޢުސޫމު ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.

މީގެ މިސާލުތައް ބައިވަރެވެ. ލޯބޯ ސަލާމަތުން ހުރި އެބައިމީހުންގެ މޭގައި ހިތެއްވާ އެއްވެސް މީހަކު މިކަމާއި އިންކާރެއް ނުކުރާނެއެވެ. މިދިޔަ ހަފްތާގައި ޕާކިސްތާނުގައިވަނީ މިފަދަ ޖާނުންފިދާވުމުގެ ހަމަލާއެއް ހުކުރުދުވަހު މިސްކިތެއްގައި ދީފައެވެ. މި ހަމަލާގައި އެމިސްކިތަށް ހުކުރުކުރުމަށް އަރައިތިބި ސިފައިންގެ މީހުންނާއި އެމީހުންގެ ދަރިން ވަނީ މަރުވެފައެވެ. މިކަމުގެ ޒިންމާ އުފުލި ފަރާތުން ބުނެފައިވަނީ އެއީ ޕާކިސްތާނުގެ އަސްކަރީ ސިފައިންނަށް ދީފައިވާ ހަމަލާއެއްކަމުގައެވެ. އަދި މިހަމަލާގައި މަރުވި ކުޑަކުދިންނާއި އާންމުންނަކީ މަރުވި ސިފައިންގެމީހުންގެ ދަރިންނާއި ޢާއިލާ މީހުން ކަމަށްވާތީ އެކަމާ އެއްވެސް ފަރުވާލެއްނެތް ކަމުގައެވެ. فلا حول ولا قوة إلا بالله..

އޭގެ މާނައަކީ ރަނގަޅުގޮތުގައި ޝަރުޢީ ހަމަތަކާއި އެއްގޮތަށް މަސައްކަތްކުރާ އެއްވެސް މީހަކު ނުވަތަ ބަޔަކު މިއިން އެއްވެސްތާކު ނެތެކޭ ނޫނެވެ. ކޮންމެ ތާކުވެސް ރަނގަޅު މީހުން އުޅެއެވެ. ނަމަވެސް މިތަންތަނުގައި ޖިހާދުގެ ނަމުގައި ގިނައީ ފަސާދަ ކުރާ މީހުންނާއި ބާޠިލު ޖަމާޢަތްތަކުގެ އަހުލުވެރިންނެވެ.

އެއްވެސް ޢިލްމުވެރިއަކު ؛ ސަމާޙަތުއް ޝެއިޚް އަލް މުފްތީ ޢަބްދުލް ޢަޒީޒު ބިންބާޒެއް އަދި ސަމާޙަތުއް ޝެއިޚް މުޙަންމަދު ބިން ޞާލިޙު އަލް ޢުޘައިމީންއެއް ނުވަތަ އަލް އިމާމް އަލް މުޙައްދިޘް މުޙަންމަދު ނާޞިރުއްދީން އަލް އަލްބާނީއެއް ހަމައެފަދައިން އިމާމުލް ޙައްޖު ވަލް މުފްތީ ޢަބްދުލް ޢަޒީޒު އާލު ޝެއިޚުއެއް އަދި އެއްވެސް ބޭފުޅަކު ޖިހާދަކަށް އިންކާރެއް ނުކުރައްވައެވެ. އަދި މަނަލެއްވެސް ނުކުރައްވައެވެ. އަދިކިޔެއް އެއްވެސް ޢިލްމުވެރިއަކު ޖިހާދަކަށް އިންކާރެއް ނުކުރައްވާނެއެވެ. ނަމަވެސް އެބޭފުޅުންނާއި އިސްލާމްދީނުގެ ކުދިބޮޑު ހުރިހައި ޢިލްމުވެރިން ހަރުކަށިކަމާއިއެކުގައި މަނާކުރައްވާފައިވަނީ އިސްވެދިޔަފަދަ ހަމަލާތަކެވެ. ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު މިފަދަ ހަމަލާތަކަކީ ޖިހާދު ކަމުގައި ނުބުނާނެއެވެ. އިސްލާމީ ޖިހާދަކީ ދުޝްމަނުން ދެކޭފަދައިން ފިތުނައާއި ލޭއޮހޮރުވުމެއް ނޫނެވެ. އަދިކިޔެއް އެއީ ފިތުނަފަސާދަ ނައްތާލައި ލެއާއި މުދަލާއި ޢިތްފަތާއި އަބުރު ހިމާޔަތްކުރުމަށްޓަކައި މާތް ﷲ ޝަރުޢުކުރެއްވި މިދީނުގެ އެއްމެ މަތީ ކުރިބޯއްޓެވެ. ޖިހާދުގެ ނަމުގައި ކުރާ ހުރިހައި ކަމަކީ ޖިހާދެއް ނޫނެވެ. އަދި އެދައުވާ ކުރާ އެއްމެންނަކީ އެދައުވާގައި ތެދުވެރިބައެއްވެސް ނޫނެވެ. ޖިހާދު ކުރުމުގައި ޖިހާދަށް ދާ މީހާގެ ނިޔަތް ކިތަންމެ މާތްވެފައި ރަނގަޅުވިޔަކަސް އަދި ކަމަކު ނުދާނެއެވެ. ނިޔަތާއި ޢަމަލާއި ދެކަންތައް ﷲގެ ޝަރުއާއި މާތް ނަބިއްޔާގެ ގޮތްކޮޅާއި ދިމާވާނަމަ އެއީ ޞާލިޙު ޢަމަލެކެވެ. އެއިން އެއްވެސް ކަމެއް އުނިވެއްޖެނަމަ އެއީ ޞާލިޙު ޢަމަލަކަށް ނުވާނެއެވެ. ވީމައި ޖިހާދުގެ ޝަރުޠުތަކާއި ޚިލާފުނަމަ، އަދި އޭގައި ޝައްކާއި ޝުބުހަ އަދި އޮޅުން ހުރެއްޖެނަމަ އެއީ ޝަރުޢީ ޖިހާދެއްކަމުގައި ނުވާނެއެވެ. ސާފު ސީދާ ޖިހާދު ކުރެވެން ނެއް މީހެއްނަމަ އޭނާގެ އަތުން ހައްގަކާއިނުލައި އިންސާނަކު ނުމަރައި އޭނާގެ ހަތިޔާރު ހަލާކުކޮށްލައި ގޭގައި މަޑުން އޮތުމަށް އިތުރުއެކަލޭގެފާނުން އަމުރުކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއިން ފުރައިގެން ޕާކިސްތާނަށް ޖިހާދުގެ ނިޔަތުގައި ދާ ގިނަމީހުންނަކަށް އެއެއް މިއެއް ނޭންގެއެވެ. ރެއެއް ދުވާލެއް ވައްކެއް ނުވެއެވެ. މިދެވެނީ ކޮންބަޔަކާއި އިދިކޮޅަށް ޖިހާދުކުރަންކަމެއް، ގޮސް މިގުޅެވެނީ ދީނާއި އަގީދާގެގޮތުން ކޮންފަދަ ބަޔަކާއިކަމެއް ނުބަލައެވެ. އަދިއެމީހުން ހަނގުރާމަކޮށް ގޮށްވައި އެހަދަނީ ކީތްވެގެންކަމެއްވެސް ނޭންގެއެވެ. ޖިހާދުގެ ނަމުގައި ކޮންމެވެސް ތަނަކަށް ވަދެ ގޮށްވައިލައި މަރުވުމުން އެދެވުނީ ސުވަރުގެއަށްކަމުގައި އެމީހުނަށް ހީވާކަހަލައެވެ. މިއީ ބޮޑުވެގެން ހުރި ފުރެދުމެއްކަމުގައި ޝައްކެއްނެތެވެ. އިލްމުވެރިން މަނާކުރައްވަނީ މިހަކަލަ ޖިހާދެވެ. ޖިހާދުގެ ނަމުގައި ކުރެވޭ ޖިހާދާއި ގުޅުމެއްނެއް ކަންތަކެވެ. އަދި ވާއެއް ނުވާއެއް ނޭންގޭ ހަނގުރާމައެވެ. އަހުލީ އަދި ދާޚިލީ ހަނގުރާމައެވެ. މައުސޫމުން ގަތުލުކޮށް ރަށްތައް ސުންނައިފަތި ކުރެވޭ ހަނގުރާމައެވެ. އެއީ ޖިހާދެއްނޫނެވެ.

އަފްޣާނިސްތާނާއި އިރާގުގައި އަދިވެސް އެފަދަ ބައެއް ގައުމުތަކުގައި އަތްގަދަކޮށްގެން އުޅޭ ދުޝްމަނުންނާއި އެމީހުންގެ އަސްކަރީ ކޭމްޕްތަކަށް ހަމަލާ ދިނުމަކީ އެއްވެސް ޢިލްމުވެރިއަކު އަދިކިޔެއް އެއްވެސް މީހަކު އިންކާރު ކުރާ ކަމެއް ނޫނެވެ. ނަމަވެސް އެކަމަށް ނުކުޅަދާނަ މީހަކަށް މާތް ﷲ އެތަކުލީފެއް ނުޖައްސަވައެވެ. އެއީ މިއަދު ގިނަ މުސްލިމުންތިބި ހާލެވެ. ކޮންމެ މީހެއްގެ މައްޗަށްވަނީ އެމީހަކަށް ލިބިގެންވާ ކުޅަދާނަ ކަމަކުން ﷲގެ މަގުގައި އެކަލާނގެ ދީނަށްޓަކައި ޖިހާދުކުރުމެވެ. އެއީ އެކަލާނގެ ދީނަށްޓަކައި މުސްލިމުންގެ ދީނާއި ދުނިޔެވީ ކޮންމެ މަސްލަހަތަކަށްޓަކައި މަސައްކަތް ކުރުމެވެ. އަދި ވަކިން ޚާއްސަކޮށް އިސްލާމުން މިއަދު އަގީދާއާއި އަޅުކަމާއި އަޚްލާގީގޮތުންވެސް އެބައިމީހުންގެ ދީނާއި ނުލާހިކު ދުރައް ޖެހިފައިވާ އިރު، މީސްތަކުންނަށް ދަޢުވަތުދީ މުސްލިމުންގެ މުޖުތަމާ އިސްލާހުކުރުމަކީ މިއަދު އަޅުގަނޑުމެންޖެ މައްޗަށްވާ އެއްމެ ބޮޑު ޖިހާދެވެ. ނަމާދުކޮށް ނަމާދު ކުރުވައި ޒަކާތްދީ ރޯދަހިފައި ތަޢުލީމާއި ތަރުބިޔަތު ކުރުމެވެ. މާއްދީގޮތުންނާއި މަޢުނަވީގޮތުން ކުޅެދޭބައެއްކަމުގައި މުސްލިމު މުޖުތަމާތައް ހެދުމެވެ. ހުރިހާ ގޮތަކުން ރަނގަޅު މުސްލިމުންކަމުގައި ހެދުމެވެ. އެއީ މާތް ނަބިއްޔާވަޑައިގެން އެކަލޭގެފާނުންގެ އަސްޙާބުން ތަރުބިޔަތުކުރެއްވި ގޮތެވެ. އެކަލޭގެފާނުންގެ މަންހަޖެވެ. އެނޫން ގޮތަކުން އަލުން މިއުންމަތް ނެގެހެއްޓޭނެގޮތެއް ނެތެވެ.
19 ذو الحجة 1430هـ - 06 ޑިސެމްބަރ 2009މ

No comments: